ގަވަމެންޓް އީ-ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ އާ ވާޝަން، ޖެމްސް ވޯކް ސްޕޭސް ތައާރަފް ކުރުމާއި ލިޔެކިޔުންތައް ބަދަލުކުރުމުގެ އުސޫލުތަކަށް ބަދަލުގެނައުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، އެކަމާއި ގުޅޭ ގޮތުން އެންވާރަމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި މަޝްވަރާގައި ޖެމްސް މެދުވެރިކޮށް ރަސްމީ ލިޔެކިޔުންތައް ބަދަލުކުރުމުގައި މިހާރުގެ ޓެކްނޮލޮޖީއާ އެއްހަމައިގައި ކުރިޔަށް ގެންދިޔުމުގެ މުހިއްމުކަން ފާހަގަކުރައްވާފައި ކަމަށެވެ. މިގޮތުން، ޖެމްސްގެ އާ ވާޝަން ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ލޯންޗު ކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، އަލަށް ތައާރަފް ކުރެވޭ ޖެމްސްގެ އާ ވާޝަން ފަރުމާކޮށްފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރު ކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނާ، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ޖެމްސް ވޯކް ސްޕޭސް ލޯންޗު ކުރުމުގެ ހަތަރުވަނަ ފިޔަވަހި ނިމޭއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށް ވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަަކަށް ސިޓީބިޓި ފޮނުވާ މުއާމަލާތް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޖެމްސްއަކީ، 2010 ވަނަ އަހަރު ބޭނުން ކުރަން ފެށި ސިސްޓަމެކެވެ. އަދި އޭރު ޖެމްސް ޑިވެލޮޕްކުރުމަށް ބޭނުން ކޮށްފައިވާ ފްރޭމްވޯކާއި، ޓެކްނޮލޮޖީ އައުޓްޑޭޓްވެފައި ވުމުގެ ސަބަބުން، ޖެމްސް މެނޭޖްކޮށް ސަޕޯޓްދިނުމަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން އެންވާރަމަންޓް މިނިސްޓްރީން ފާހަގަކުރެއެވެ.