ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖެއްސި ބޯޓެއްގެ ފުރޮޅު ފަޅައިގެން ދިއުމާ ގުޅިގެން އެ އެއާޕޯޓްގެ ރަންވޭ ބަނދުކުރުމަށް ފަހު ރަންވޭ ކްލިއާކޮށް ދަތުރުތައް ފަށަން ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން ބުނީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ބޯޓުގެ ފުރޮޅު ފަޅައިގެން ގޮސްފައި ވީ ނަމަވެސް ބޯޓުގެ އެއްވެސް ފަސެންޖަރަކަށް އަދި ފަޅުވެރިއަކަށްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި ވަގުތީ ގޮތުން ރަންވޭ ބަންދުކުރުމަށް ފަހު ހަވީރު 5:00 ހާއިރު ރަންވޭ އާންމު އުދުހުންތަކަށް ހުޅުވާލެވޭނެ ކަމަށް ކުރިން އެ ކުންފުނިން ލަފާކޮށްފައިވީ ނަމަވެސް ރަންވޭ ކްލިއާ ކުރެވިފައިވަނީ އެއަށްވުރެ ފަހުގެ ވަގުތެއްގައެވެ.

ފްލައިދުބާއީއިން އޮޕަރޭޓް ކުރި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓެއްގެ ފުރޮޅު ފަޅައިގެން ދިއުމާއި ގުޅިގެން އެތައް ބޯޓެއްގެ ދަތުރު ފަސްކޮށްފައި ވާއިވާ ކަމަށާއި 5 ބޯޓެއްގެ ދަތުރު ޑައިވާޓް ކޮށްފައިވާ ކަމަށް އޭވިއޭޓާސް މޯލްޑިވްސް އިން ވަނީ ބުނެފައެވެ. އަދި ފުރޮޅު ފަޅައިގެން ގޮސްފައިވާ ބޯޓު ރަންވޭއިން ޓޯ ކުރެވެންދެން ރަންވޭ ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރަށް އޭވިއޭޓާސް މޯލްޑިވްސްއިން ބުނީ މި ހާދިސާއާ ގުޅިގެން ރަންވޭ ބަންދުކޮށްފައި އޮތުމުގެ ސަބަބުން ވެލާނާ އެއާޕޯޓަށް ނުޖެއްސިފައިވާ 2 ބޯޓު މިހާރު ޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމުގައެވެ.

ވެލާނާ އެއާޓްގެ ރަންވޭ 36އަށް ޖެއްސި އެ ބޯޓުގެ ހުރިހާ ފަތުރުވެރިން އަދި ފަޅުވެރިން ސަލާމަތާއި ރައްކާތެރިކަމާއެކު އެއާޕޯޓް ޓާމިނަލްއަށް ގެންގޮސްފައިވާ ކަމަށް ފްލައިދުބާއިން ބުނެފައި ވާއިރު އެ ކުންފުނިން ބުނީ ފަތުރުވެރިން އަދި ފަޅުވެރިންގެ ރައްކާތެރިކަމަކީ އަބަދުވެސް އެންމެ އިސްކަންދޭކަން ކަމުގައެވެ.