އުމްރާ ވުމަށް މައްކާއަށް ދަތުރު ކުރަމުން ދިޔަ ބަހެއްގެ ބްރޭކް ފައިލްވެ ބްރިޖެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 20 މީހަކު މަރުވެއްޖެއެވެ.

ސައުދީގެ އިދާރާތަކުން ހަބަރުދޭ ގޮތުގައި މަރުވި މީހުންގެ އިތުރުން 29 މީހަކު ޒަހަމްވެފައިވެސް ވެއެވެ.

އެކްސިޑެންޑާ ގުޅޭގޮތުން އާންމުކޮށްފައި ވާ ފޮޓޯތަކުން ފެންނަ ގޮތުން، ބުރިޖަށް އޯވާޓާން ކުރާ ތަނުން ބަސް އެކްސިޑެންތްވެފައި ވާ އިރު، ރޯވެ ބޯ ދުން އަރައެވެ.

އެ ބަސް ދަތުރު ކޮށްފައި ވަނީ ދެކުނުގެ ޝަހަރެއް ކަމުގައި އަގްބާ ޝާރު އާއި އަބްހާ ސިޓީގެ އިތުރުން މުހައްޔިލް އާސިރް ގުޅޭ ސަރަހައްދުގައެވެ.

މިހާދިސާ އާ ގުޅިގެން ސައުދީ ޑިފެންސް އޮތޯރިޓީއާއި ރެޑްކްރެސެންޓްގެ އިތުރުން ސަލާމަތީ އިދާރާތަކުން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެކްސިޑެންޓާއެކު އެ ސަރަހައްދުގެ ޓްރެފިކް އެތައް ގަޑިއިރަކަށް މަޑުޖެހިގެން ދިޔަ ނަމަވެސް ތަން ހަމައަކަށް އަޅުވައި މަރުވި މީހުންގާއި އަނިޔާވި މީހުން ވަނީ ކައިރި ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.

މިހާދިސާގައި މަރުވީ އަދި އަނިޔާވީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން އަދި ސާފެއް ނުވެއެވެ.

މިދުވަސް ވަރަކީ، ދުނިޔޭގެ އެތަން މިތަނުން އުމްރާވުމަށް މައްކާއަށް ގިނަ ބަޔަކު ދަތުރު ކުރާ ދުވަސް ވަރަކަށް ވާއިރު ދިވެހިންގެ ގިނަ ގްރޫޕުތަކުންވެސް ރަމަޟަން އުމްރާ އަށް ދާން ތައްޔާރުވަމުން ދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.