ހިޔާ ޓަވަރު ތަކަަށް ދިމާވި ކަރަންޓް މައްސަލަ ހައްލުކުރަން 4 ގަޑިއިރެއްހާ އިރު ނެގުމަށް ފަހު ހިޔާ ޓަވަރުތަކަށް ކަރަންޓު ދީފިއެވެ.

ސްޓެލްކޯއިން ބުނީ ވަގުތީ އާރުއެމް ޔުނިޓެއް ބަހައްޓައި އެ ކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި ކުރި ބުރަ މަސައްކަތުން ހިޔާގެ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ޓަވަރަކަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

އެ ޓަވަރުތަކުން ކަރަންޓް ކެނޑިފައިވަނީ މިއަދު އިރުއޮއްސޭ ހާއިރުއެވެ. ސްޓެލްކޯއިން ބުނީ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައި ވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއާގެ ބަސްބާ ޝޯޓުވުމާ ގުޅިގެން ކަމަށެވެ.

މިއަދު އެ ޓަވަރުތަކުން ކަރަންޓް ކެނޑިފައިވަނީ 6 ޖަހަން ކައިރިވެފައިވަނިކޮންނެވެ. ރޯދަމަސް ކަމުން ގިނަ ބަޔަކު ވަނީ ކަނު އަނދިރީގައި ރޯދަ ވިއްލަން ޖެހުމުން ގިނަ ޝަކުވާތަކެއްވެސް ކޮށްފައެވެ.

މީގެ ކުރިން ވެސް ހިޔާ ޓަވަރުތަކުން އެކި ފަހަރު މަތިން ކަރަންޓު ކެނޑި، އެކަމުގެ ސަބަބުން ހިޔާގައި ދިރިއުޅޭ މީހުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.