ކޮންމެހެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވީ ފިޔަވަޅު އެޅުމަކީ ހިތިކަމާއި ފޮނިކަން އެކުލެވިގެންވާ ކަމެއްކަން ރަނގަޅަށް ރައީސަށް އެނގިވަޑައިގަންނަވާ ކަމަށާއި ކޮންމެހެން ފިޔަވަޅެއް އަޅުއްވަން ޖެހިވަޑައިގެންފިނަމަ ރައީސް ފިޔަވަޅު އަޅުއްވާނެކަން އެމަނިކުފާނު ދަންނަ މީހުންނަށް އެނގޭނެ ކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް ހިކުމަތްތެރިކަމާއި ކެތްތެރިކަން އިސްކުރުން މުހިންމު ކަމަށެވެ.
އިމްރާން މިފަދައިން ވިދާޅުވެފައި ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މަގާމުން ވަކިކުރުމުން ސޯޝަލްމީޑިއާގައި އެކިފަރާތްތަކުން ފާޅުކުރާ ޝުއޫރުތަކަށް ރައްދު ދެއްވުމުގެ ގޮތުން ކަމަށް ބެލެވެއެވެ. ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ އިއްޔެ އަމްރު މަގާމުން ވަކިކޮށް އެ ކުންފުނި ވަގުތީ ގޮތުން ހިންގުން ޗީފް ފައިނޭޝަލް އޮފިސަރު މުހައްމަދު ނިޒާމްއާ ހަވާލުކޮށްފައެވެ.
އަމްރު ވަކިކޮށްފައި ވާއިރު ރައީސް އޮފީހުން ބުނެފައި ވަނީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަގާމުތަކަށް ބަދަލު ގެންނަ ކަމަށާއި އެގޮތުގެ މަތިން އަމްރު ވަކި ކުރަން ނިންމީ ކަމަށެވެ.އަމްރު ވަކި ކުރަން ނިންމި އިރު ރޭ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިނުމަށް ހަމަޖެހިފައި އޮތް "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އަމްރުގެ އިންޓަވިއު ނެގި ނަމަވެސް ވަނީ އެ ޕްރޮގްރާމް ރީޝެޑިއުލް ކޮށްފައެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބު ވުމުން އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތައް ގިނަވެ ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާ މިދަނޑިވަޅުގައި އަމްރު ތާއިދު ކުރަށްވަނީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށެވެ. އަދި އިމްރާން ތާއީދުކުރައްވަނީ ރައީސް ސޯލިހުގެ "ކުރިއަށް" ފެކްޝަނަށެވެ.