އެޑްވެންޗާ ސްޕޯޓްސް އަށް ގިނަ ބަޔަކު ލޯބިކުރަނީ އެ ކުޅިވަރުތަކުން ލިބޭ ތަޖުރިބާ އާއި ހިތްހަމަޖެހުމާއި އިހުސާސްތަކުގެ ސަބަބުނެވެ. ތައިލެންޑުގައި ބަންޖީ ޖަމްޕު ކުރަން އުޅުނު ފަތުރުވެރިޔަކަށް ވަނީ މިކަމުގެ ސަބަބުން ހީނުކުރުވާ ވަރުގެ ސިހުމެއް ލިބިފައެވެ.

ހޮންކޮންގަށް ނިސްބަތްވާ ފަތުރުވެރިޔާއަށް ފުރާނައިގެ ބިރުވެރިކަން ލިބުނީ ތައިލެންޑުގެ ޕައްޓާޔާގައި ބަންޖީ ޖަމްޕް ކުރުމުގެ ތެރޭގައި އޭގެ ވާގަނޑު ކަނޑައިގެން ގޮސް ވެއްޓުމުންނެވެ. މި ހާދިސާ ހިނގާފައި ވަނީ މި އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ނަމަވެސް، އެ ފަތުރުވެރިޔާ ވަނީ އޭނާއަށް ދިމާވި މި ހާދިސާގެ ބިރުވެރިކަން ހާމަކޮށްފައެވެ.

މައިކްގެ ނަމުން މަޝްހޫރުވެފައިވާ މި މީހާ ހުރީ ޗަންގްތައި ތަޕްޕްރަޔާ ސަފާރީ އެންޑް އެޑްވެންޗާ ޕާކުގައި ކަމަށައި، ބަންޖީ ޖަމްޕު ކުރަން ހިތްވަރު ދިނީ އޭނާގެ ރައްޓެހިން ކަމަށް މައިކް ވަނީ ބުނެފައެވެ. އެންމެ ފުރަތަމަ އެކަން ކުރުމުގެ ވިސްނުން ނުގެންގުޅު ނަމަވެސް، ރައްޓެހިންގެ ހިތްވަރާއެކު އެކަން ކުރަން ނިންމީއެވެ. 10 ބުރީގެ އުސް ޕްލެޓްފޯމަކުން ޑައިވް ކުރަން ފުންމާލި އިރު، ޖަމްޕުގެ ނިމޭ ހިސާބުގެ ކުރިން، ކޯޑު ކަނޑައިގެންގޮސް ފެންގަނޑަށް ވެއްޓުނީއެވެ.

މައިކް ބުނި ގޮތުގައި ގިނަ ޒަހަމްތައް ލިބިފައިވަނީ އޭނާގެ ހަށިގަނޑުގެ ވާތް ފަރާތަށެވެ. ފެންގަނޑަށް ވެއްޓުން އިރު އޭނާގެ ދެފައި ބަނދެވިފައި ހުރީ ކޯޑުގެ ތިރީބައިގައި ނަމަވެސް، އޭނާ ވަނީ ފަތާފައި ގޮސް ފެންގަނޑުގެ އައްސޭރިއަށް ގޮހެވެ. މައިކް ބުނީ ފަތަން ނޭނގޭ ނަމަ، އެ ތަޖުރިބާ އިތުރަށް ގޯސްވީ ކަމަށެވެ.

ޕާކުގެ ސްޓާފުން އޭނާ ފެންގަނޑުން ނެގުމަށްފަހު، ބަންޖީ ޖަމްޕު ކުރުމަށް އޭނާ ދެއްކި ފައިސާވެސް އަނބުރާ ދިނެވެ.

ޒިޕްލައިނިން އާއި ލައިވް ރައުންޑް ޝޫޓިން ފަދަ އިތުރު އެޑްވެންޗާ ހަރަކާތްތައް ހިންގާ މި ޕާކުން ވަނީ މައިކްގެ އެކްސްރޭއާއި އަލްޓްރާ ސައުންޑް ސްކޭން ހެދުމަށްވެސް ހަރަދު ކޮށްފައެވެ. މައިކް ހޮންކޮންގަށް އެނބުރި ގޮސް ކުރާ އިތުރު ފަރުވާތަކަށްވެސް ފައިސާދައްކަން ތައްޔާރަށް ތިބިކަމަށް ޕާކުގެ އިސްވެރިޔާ، ނިތިތު އިންތިމް ވަނީ ބުނެފައެވެ.