ބޮޑުތަކުރުފާނުމަގު ޒީނަތްތެރި ކުރުމުގެ ގޮތުން އިންދާފައިވާ ބޯގަންވިލާ ގަސްތައް ވަގަށް ނަގާތީ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސިޓީ ކައުންސިލުން ވަނީ ބޮޑުތަކުރުފާނު މަގުގައި އިންދާފައިވާ ކަދުރު ރުއްތަކުގެ ޕިޓްތަކުގައި ޖަހާފައި ހުރި ބޯގަންވިލާ ގަސްތައް ވަގަށް ނަގަމުންދާކަން ހިތާމައާއެކު ފާހަގަ ކުރާކަން ފާހަގަކޮށް އެ ކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރި ވެފައެވެ.

މީގެ އިތުރަށް ސިޓީ ކައުންސިލުން ބުނީ "ޗާލު މާލެ ސިޓީ" އަމާޒަށް ވާސިލުވުމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މުހިންމު ކަމުގައެވެ.

ބޮޑުތަކުރުފާނު މަގުގައި ކަދުރު ރުއްތަށް އަދި ބޯގަންވިލާ ގަސްތައް އިންދާފައިވަނީ މާލޭގައި "އެއްލައްކަ ގަސް" އިންދުމަށް ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުންނެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ "އެއްލައްކަ ގަސް" ޕްރޮގްރާމަކީ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތްތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫއުއެކެވެ.