ރިސޯޓުތަކުގެ އިސް މަގާމުތަކަކީ ދިވެހިންނަށް އެކަނި އަދާކުރެވޭ މަގާމުތަކަކަށް ހެދުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމަށް ބައި ގަރުނު ވެގެން ދިޔަ އިރު ވެސް ރިސޯޓުތަކުގެ މެނޭޖަރުންނާއި ހިއުމަން ރިސޯސް މެނޭޖަރުންނާއި އެކައުންޓްސް މެނޭޖަރުން ފަދަ އިސް މަގާމުތައް ގިނައިން ފުރަމުން ދަނީ ބިދޭސީންކަން ފާހަގަކުރައްވައިފައެވެ.

އެ ގަރާރުގައި އޭނާ ވިދާޅުވީ، އެފަދަ މަގާމުތަކަށް ބޭނުންވާނެ ދިވެހިންނަށް ތައުލީމާއި ތަމްރީނު ދެވޭނެ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ފުރިހަމައަށް ގާއިމްކުރެވިފައި ހުންނަން ވާނެ ކަމަށް ދެކޭ ކަމަށެވެ.

އެ ތިން މަގާމަކީ ސީދާ ދިވެހިން އިސްވެ ތިބެން ޖެހޭ މަގާމުތަކެއް ކަމުގައި ދެކޭ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް ބައި ގަރުނަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު، އެފަދަ ބޮޑެތި މަގާމްތަކުގައި ބޮޑު މުސާރައިގައި ބިދޭސީން ތިބުން ނިމުމަކަށް ގެނައުމަށް މަޖިލީހުގައި ބަހުސްކޮށް، މެންބަރުން ދެކޭ ގޮތެއް ހާމަވެގެން ދިއުން މުހިންމު ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.