ބޮޑުތަކުރުފާނުމަގު ހެދުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސަރަހައްދުން އެ މަަގުގެ ބައެއް ބަންދުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 13 ދުވަހުގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ބަންދުކޮށްފައިވާ ކަމަށެވެ.
އެމްއެމްއޭ ސަރަހައްދުން ބޮޑުތަކުރުފާނު މަގުގެ އެއްފަޅި ބަންދުކޮށްފައި ވާއިރު، އެ ސަރަހައްދާ ދިމާ ބޭރު ފަޅު ވެސް ވަނީ ބަންދުކޮށްފައެވެ. އެ ސަރަހައްދަކީ އަތޮޅުތަކުން ގިނަ އަދަދެއްގެ ފެރީ ގާތްކުރާ ސަރަހައްދެއްކަން ފާހަގަކުރެވެއެވެ.
މީގެއިތުރުން ބާރުބޮޑުވާ ގަޑިތަކުގައި ޓްރެފިކަށް މަސްމާރުކޭޓު ސަރަހައްދުން ބައެއް ބަންދުކުރާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ދިމާވެދާނެ ދަތިތަކަށް ސިޓީ ކައުންސިލުން ވަނީ މާފަށް އެދިފައެވެ.