މަލްޓިމީޑިއާގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުމާއެކު އެ ދާއިރާއިން ތަމްރީނު ދިނުމަށް ޔޫތު މިނިސްޓްރީން ޕީއެސްއެމް އާއެކު އެއްބަސްވުމެއް ގާއިމު ކޮށްފިއެވެ.
މި އެއްބސްވުމުގައި ސޮއި ކުރީ، ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން މަލްޓިމީޑިއާގެ ދާއިރާއިން މިހާރުވެސް ޕްރޮގްރާމުތައް ހިންގަމުން އަންނަ ޕީއެސްއެމްގެ ޓްރެއިނިން ސްކޫލް (އެމްއެމްއައި) ގައި އިއްޔެ ބޭއްވި ހާއްސަ ރައްސްމިއްޔާތެއްގައެވެ.
ޔޫތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އަދި ޕީއެސްއެމްގެ ފަރާތުން މެނޭޖިން ޑަިއރެކްޓަރު އިބްރާހިމް ނަސްރީން ސޮއި ކުރެއްވި އެއްބަސްވުމާއެކު، މީޑިއާގެ ދާއިރާތަކަށް ނުކުތުމަށް ޒުވާނުން އިތުރު ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށް އަސްވާޑު ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ސަބަބުން އެމްއެމްއައިގެ ޓްރެއިނިން އިންސްޓިޓިއުޓުގައި ޒުވާނުންނާ ގުޅުން ހުރި ގިނަ ޕްރޮގްރާމުތައް ހިންގުމަށް މަގުފަހިގެން ދިޔުމުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް ހިންގުމުގެ ދާއިރާގެ ޕްރޮޮގްރާމުތައް ވެސް ކުރިއަށް ގެންދިޔުމުގެ މަގު ފަހިވެގެން ދާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ޕީއެސްއެމްގެ މީޑިއާ އިންސްޓިޓިއުޓުގައި، އިއްޔެ ވަނީ، ހާއްސަ އިނީޝިއޭޓިވްއެއް ވެސް ލޯންޗްކޮށްފައެވެ. "ބީމް" ޓްރެއިނިން އިނިޝިއޭޓިވް ގެ ނަމުގައި ލޯންޗް ކުރި ލޯންޗުކޮށްދެއްވަމުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ އެ މިނިސްޓްރީ އާއި ޕީއެސްއެމްއާއެކު ތަފާތު މަޝްވަރާތައް ކުރިއަށްގެންދެވުނު ކަމަށާއި އެމަޝްވަރާތަކުންވެސް ޒުވާނުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ގިނަ ފުރުސަތުތަކަށް ބޭނުންވެފައި ތިބިކަން ހާމަވެފައި ވާކަމަށެވެ.
އިތުރަށް ވިދާޅުވީ، ރާއްޖޭގައި މީޑިއާގެ ފަރާތްތައް ތަމްރީންކުރުމަށް އެ އެއްބަސްވުމަކީ މުހިންމު އެއްބަސްވުމެއް ކަމަށާއި ކުރިން މިކަމަކީ ހަމައެކަނި ޕީއެސްއެމްގެ އިންޓާނަލް ކަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ކަމެއް ނަމަވެސް ރައީސްގެ އިސްނެންގެވުމާ އެކު މިހާރު މި މަސައްކަތް ކުރިއަށް ދަނީ މުޅި ރާއްޖެއަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން ވިދާޅުވީ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ޕަބްލިކް ސާވިސް ބްރޯޑްކާސްޓަާގެ ބެލުމުގެ ދަށުން މީޑިއާގެ ދާއިރާގައި މީހުން ތަމްރީންކުރާނެ އިންސްޓިޓިއުޓު ހުންނަކަމަށެވެ. އަދި ޔޫތު މިނިސްޓްރީ އާ އެކު ވެވުނު އެއްބަސްވުމާ އެކު މި ދާއިރާއިން މީހުން ބިނާކުރުމަށް ޕީއެސްއެމްއިން ޓްރެއިނިންތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެސްއެމުން ބީމް ޓްރެއިނިން އިނިޝިއޭޓިވް ރަސްމީކޮށް ލޯންޗްކުރި ނަމަވެސް މިއަހަރުގެ އޭޕްރީލު މަހުން ފެށިގެން ތަމްރީންތައް ކުރިއަށް ގެންދެއެވެ. ބީމް ޓްރެއިނިން އިނިޝިއޭޓިވްގެ ދަށުން ޕީއެސްއެމްގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފުރުސަތުތައް ފަހިވެގެންދާނެއެވެ.