މިއަހަރު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެއްދެވުމަށް ޖޭޕީއަށް ފޮނުވި ދައުވަތަށް ރަސްމީ ސިފައެއްގައި ޖަވާބު ލިބިފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކާއެކު މުލިއާގޭގައި ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތާއީދު ލިބިއްޖެ ނަމަ ރިޔާސީ އިންތިހާބު ވަރަށް ފަސޭހައިން ކާމިޔާބު ކުރެވޭނެ ކަމަށާއި އެހެންނަމަވެސް އަދާލަތު ޕާޓީއާއި އެމްޑީއޭއާއެކު އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި އެ ތިން ޕާޓީ ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ޖުމްހޫރީ ޕާޓީން ކޯލިޝަނާ ގުޅެން ނިންމައިފިނަމަ މި އިންތިހާބު 60 ޕަސެންޓަށްވުރެ މަތިން ކާމިޔާބު ކުރެވޭނެ ކަމަށާއި އެ ޕާޓީ ވަކިން ވާދަކުރިޔަސް އެމްޑީޕީއާއި އަދާލަތު އަދި އެމްޑީއޭ އަށް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށްފަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރެއިން އެހެން ގޮތްޕެއް ހެދުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. އެކަމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދަށް އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް ނުހެދޭނެ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ތެރެއިން ރިޔާސީ ކެންޑިޑޭޓަކު މިހާރު ކަނޑައެޅިފައިވާއިރު ޕާޓީ އޮންނަން ވާނީ އެ ނިންމުމާ އެކީގައި ކަމަށާއި މިހާރު ކުރަން ޖެހޭނެ މަސައްކަތަކީ އެމްޑީޕީ އަށް އިލެކްޝަންސް ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތް ޕާޓީގެ ހުރިހާ މެމްބަރުން ކުރުން ކަމަށެވެ.