އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ ނޫސްވެރިންނަށް މޮނިޓަރުންގެ ގޮތުގައި ތިބެވޭ ގޮތަށް އިންތިހާބާ ބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.

މުއިއްޒު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުން:

  • ވޯޓުލާ މަރުކަޒުތަކުގައި މޮނިޓަރުންގެ ގޮތުގައި ތިބެވޭނީ އީސީން ހުއްދަދޭ ނޫސްވެރިންނަށް
  • އެ އިސްލާހުގައި ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަކީ ކޮބައިކަން ތަފްސީލްކޮށްފައިވޭ

އޭގެ އިތުރުން، އިންތިހާބުގެ ނަތީޖާ އިއުލާނުކުރާތާ 30 ދުވަހުގެ ނިޔަލަށް، ވޯޓު ލުމުގައި ބޭނުންކޮށްފައިވާ ތަކެތި ރައްކާކޮށްފައި ބަހައްޓަން ޖެހޭނެ ކަމަށާއި، ޝަރުއީ ކޯޓަކުން އެހެން ގޮތަކަށް ކަނޑަނާޅާ ނަމަ، ނުވަތަ ކޯޓަށް އިންތިހާބާ ގުޅޭ މައްސަލައެއް ހުށަނާޅާކަން ކަށަވަރުކުރުމަށް ފަހު، އެ މުއްދަތުގެ ފަހުން ގުނާފައިވާ ވޯޓު ކަރުދާސްތައް ނައްތާލެވޭނެ ކަމަށް، ދެ މާއްދާ އެއް އެ އިސްލާހަށް އިތުރުކޮށްފައި ވެއެވެ.

ހަމަ އެއާއެކު، އިންތިހާބަށް އިއުލާނުކުރާ ދުވަހުން ފެށިގެން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރާތާ 30 ދުވަހުން ފެށިގެން ކެނޑިޑޭޓުންގެ ވައުދުތައް ފިޔަވައި ފައިސާދީ، މަންފާއެއް ހޯދާ ދިނުމަކީ ރިޝްވަތު ދޭން އުޅުން ކަމަށް، އެ އިސްލާހަށް އިތުރުކުރި އެހެން މާއްދާއެއްގައި ވެއެވެ.

އެ އިސްލާހު ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި 41 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުން، އެ ގާނޫނުގައި ހުރި ކަންބޮޑުވުންތައް ފިލައިގެން ނުދާ ކަމަށާއި، ހުށަހެޅިފައިވާ އިސްލާހުތަކާ މެދު ވިލާތުގެ އިއްތިހާދުގެ އިލެކްޝަންސް އޮބްޒަވޭޝަންސް ޓީމުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. ނަޝީދުގެ އިތުރުން އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް މެންބަރުން ވެސް މި އިސްލާހުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ނަމަވެސް އެ އިސްލާހު ދިފާއުކުރައްވައި އިންތިހާބާ ބެހޭ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، އެ އިސްލާހުގެ ސަބަބުން ނޫސްވެރިންގެ ދައުރު ކުރިއަށް ވުރެ އިތުރަށް ފުޅާވެގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، އަބަދު ވެސް އީސީން ފުރުސަތު ދެނީ ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް އެކަނި ކަމަށެވެ.

ހަބީބް ވިދާޅުވީ، އީސީން ބޭނުން ވަނީ އިންތިހާބުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކަމަށާއި، ނޫސްވެރިންގެ ދައުރު ހަނިކުރުމުގެ ވިސްނުމެއް އެ ކޮމިޝަންގެ ނެތް ކަމަށެވެ.