އަރަބިއްޔާ ސްކޫލްގެ ބައެއް ދަރިވަރުން ޔުނިފޯމާ އެކު މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން އެ ސްކޫލުން ތަންފީޒުކުރަން ފަށައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އެޑިއުކޭޝަން މިނިސްޓްރީން އަރަބިއްޔާ ސްކޫލަށް ފޮނުވި ސިޓީއެއްގައި ވަނީ، އެ ސްކޫލްގެ ޔުނިފޯމް ކޯޑުގައި މޫނު ބުރުގާ ނުހިމެނޭތީ، ޔުނިފޯމް ކޯޑާ އެއްގޮތަށް އަމަލުކުރުމަށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަންގައިދިނުމަށް އެ ސްކޫލަށް އަންގައިފައެވެ.

މޫނު ބުރުގާ އަޅާ 10 ދަރިވަރަކު އަރަބިއްޔާގައި ތައުލީމް ހާސިލްކުރަމުން ދާއިރު، މިނިސްޓްރީގެ އެންގުން ތަންފީޒުކުރުމަށްޓަކައި އެ ސްކޫލުން ވަނީ، އެ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކައިފައެވެ.

އަރަބިއްޔާ ސްކޫލްގެ ޔުނިފޯމް ކޯޑުގައިވާ ގޮތުން:

  • އަންހެން ދަރިވަރުންގެ ހިމެނެނީ ބުރުގާ، ހެދުން، ސްކާޓް އަދި ހަރުވާޅު
  • ފިރިހެން ކުދިންގެ ހިމެނެނީ ގަމީހާއި ފަޓުލޫން

މިނިސްޓްރީގެ އެންގުމާ ގުޅިގެން އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅުކޮށް އެ އެންގުން ސިފަކުރީ، ދަރިވަރުންނަށް ބިރު ދައްކައި ހިންގާ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައެވެ.

މިގެ 36 އަހަރު ކުރިން މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީގެ އެހީގައި ގާއިމްކޮށް ކިޔަވައިދޭން ފެށި އަރަބިއްޔާ ސްކޫލްގައި މޫނު ބުރުގާގެ މައްސަލަ ފެންމަތިވެފައިވާއިރު، މީގެ 10 އަހަރު ކުރިން އޭރުގެ ކުއްލިއްޔާގައި ކިޔެވި ދަރިވަރަކު މޫނު ބުރުގާ އަޅައިގެން އެތަނަށް ނުދެވޭނެ ކަން އެންގި މައްސަލައެއް ފެންމަތިވެ، ކޯޓާ ހިސާބަށް ވެސް ގޮސްފައިވެއެވެ.