"އޮޓޯ ރިކްޝޯ" އަދި "އޮޓޯ" ގެ ގޮތުގައި ބެލެވޭ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ނުދޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ.

ޓަރާންސްޕޯޓް މިނިސްޓްރީއިން ބުނީ 3 ފުރޮޅުލީ "އޮޓޯ ރިކްޝޯ" އަދި "އޮޓޯ" ގެ ގޮތުގައި ބޭނުންކުރާ އުޅަނދުތައް ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި މިހާތަނަށް އޮޕަރޭޓް ކުރުމަށް ހުއްދަ ދީފައި ނުވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތާގައިވެސް މި ދެންނެވި ބާވަތުގެ އުޅަނދު ރަޖިސްޓަރީ ކުރުމަށް ހުއްދަ ދެވިގެން ނުދާނެ ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީއިން އިތުރަށް ބުނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ގަރާޖުގެ ގޮތުގައި ޕާމިޓު ދޫކުރަމުންދާނީ 4 ފުރޮޅު ލީ އުޅަނދު ފަހަރަށް ކަމުގައެވެ. އަދި މިހާރު މިނިސްޓްރީއިން އުޅަނދުތައް ރަޖިސްޓަރީ ކުރާއިރު އެ އުޅަނދުގެ ފޮޓޯ ބަލައި އެ އުޅަނދަކީ ކޮންކަހަލަ އުޅަނދެއްކަން ޔަގީން ކުރާނެ ކަމަށެވެ.

ރަޖިސްޓްރޭޝަން ގަވާއިދަށް އިސްލާހު ގެނައުމާ ގުޅިގެން "އޮޓޯ ރިކްޝޯ" އަދި "އޮޓޯ" ރަޖިސްޓްރީ ކުރެވޭ ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް މި އިސްލާހުގައިވާ ގޮތުން ރަޖިސްޓްރީ ކުރުމަށް އިތުރު ވަކި ކެޓަގަރީއެއް އުފައްދާފައިވަނީ 3 ފުރޮޅުލީ "ބަގީ" އަދި ރަށު ޕިކަޕުތަކަށެވެ. އެއާއެކު 3 ފުރޮޅުލީ އުޅަނދުތަކަށް ކެޓަގަރީއެއް ނެތުމުގެ ސަބަބުން ރިޒޯޓުތަކުގައާއި ރަށްރަށުގައި ބޭނުންކުރަމުންދާ އެފަދަ އުޅަނދުތައް ރަޖިސްޓަރީ ނުކުރެވި އޮތް އޮތުމަށް ހައްލެއް ލިބޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިންވަނީ ބުނެފައެވެ.

3 ފުރޮޅުލީ އުޅަނދުފަހަރަށް ލައިސަންސް ދެމުންގެންދާއިރު އެ އުޅަނދުތަކަކީ ކޮބައިކަން ރަޖިސްޓްރޭޝަން ގަވާއިދުން ބަޔާންކޮށް އެ ކެޓަގަރީތައް ރަޖިސްޓަރީތަކުން ފެންނާނެގޮތަށް ކެޓަގަރައިޒު ކުރުމަކީ އެ އުސޫލަށް ގެނެވުނު ބަދަލުގެ މައިގަނޑު ބޭނުމެވެ.