އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގައި ހިމެނޭ ކުރީގެ ޑިފެންސް މިނިސްޓަރު މޭޖަ ޖެނަރަލް ރިޓަޔާޑްމޫސާ އަލީ ޖަލީލްގެ އަތުން 1 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އޭސީސީން އެމްއެމްޕީއާރުސީ އަށް އަންގައި އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީން ޕީޖީއަށް ހުށަހަޅައިފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރސީއަށް ލިބުނު ފައިސާގެ ތެރެއިން އަހްމަދު އަދީބު ޢަބްދުލްގަފޫރު މެދުވެރިކޮށް ކުރީގެ ޑިފެންސް މިނިސްޓަރ މޭޖަރ ޖެނަރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލަށް ލިބިފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށެވެ.

އަދި އެ ފައިސާ ވަނީ މޫސާ އަލީ ޖަލީލްގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށް އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން ހިމެނޭ ލިސްޓެއް މަޖިލީހުން ވަނީ އާންމު ކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރުންގެ އިތުރުން ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިބި 119 މީހަކު ހިމެނެއެވެ.

އެމްއެމްޕީއާރްސީގެ 3.4 ބިލިޔަން ރުފިޔާއަށް ވުރެ ބޮޑު ހިޔާނާތެއް ވެފައި ވާއިރު މި މައްސަލަައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ އިތުރު މީހުންގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ.

މި ހިޔާނާތާ ގުޅިގެން ދާދިފަހުން ވަނީ ޒިޔަތުގެ ބޮޑުބޭބެ ކަމަށްވާ އަބްދުﷲ އާސިމްގެ އަތުން 37،933،200 މިލިއަން ރުފިޔާ ހޯދަން އޭސީސީން، އެމްއެމްޕީއާރްސީ އަށް އަންގަައިފައެވެ.