ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކޮށްގެން ކޯޓު މަރުހަލާގައި ހިނގަމުންދާ ދެ މައްސަލައިގެ ވެސް އަޑުއެހުމެއް، މި މަހު ފަހުކޮޅު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރ. ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މި މަހު 23 ވަނަ ދުވަހަށެވެ. ވ. އާރަށް މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މި މަހު 29 ވަނަ ދުވަހަށެވެ. މި ދެ މައްސަލަ ތާވަލްކޮށްފައިވާ ކަން ރައީސް ޔަމީންގެ ވަކީލުން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށް ދެއްވާފައެވެ.
ޔާމީންގެ މައްޗަށް ދައުވާ ކޮށްގެން ކޯޓު މަރުހަލާގައި މިވަގުތު ހިނގަމުންދަނީ ދެ މައްސަލައެކެވެ. ފުރަތަމަ މައްސަލައަކީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ޔާމީން ރިޝްވަތު ނަންގަވައި، މަނީ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލައެވެ. ދެވަނަ މައްސަލައަކީ، ހަމަ އެ ކޯޕަރޭޝަން މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ޔާމީން ރިޝްވަތު ނަންގަވައި، މަނީ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލައެވެ.
ވ. އާރަށް މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ހުއްޓިފައި ހުރީ، ދައުލަތުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަތުމަށް ހައި ކޯޓުން ކުރި ހުކުމުގެ ބައެއް، ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު ހުކުމްކުރީ ހައި ކޯޓުން ކަނޑައެޅި ގޮތަށް، އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ. ރ. ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ވެސް، މިދިޔަ އަހަރުގެ ފަހުކޮޅު ބައެއް އަޑުއެހުންތައް ބޭއްވި ފަހުން، ތާވަލު ކޮށްފައިނުވެ ވަނީ ހުއްޓިފައެވެ.
ރ. ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ ދައުވާއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ފުއްގިރި މައްސަލައިގައި ސަން ސިޔާމްގެ ދެ ކުންފުންޏަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ އިރު، ކްރިކް އަހުމަދު ރިޒާގެ މައްޗަށް ކުރި ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. ކޯޓު މަރުހަލާގައި ހިނގަމުންދަނީ ހަމައެކަނި ޔާމީންގެ މައްސަލައެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހިނގަމުން ދިޔައީ ޔާމީންގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. ނަމަވެސް، އެ އަޑުއެހުން ފެށުމުގެ ކުރިން ކޯޓަށް ފޮނުވި މެއިލެއްގައި، ޔާމީންގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި ނަރީޝް އާއި ޝުއާއު ހެކިބަސް ދޭން ދެކޮޅު ހެއްދެވި ކަމަށް ބުނެ ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެއެވެ. ޔާމީންގެ ފަރާތުން ނަރީޝް އާއި ޝުއާއު ހެކިންގެ ގޮތުގައި ހުށަހެޅީ، ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މާރުކުރި ކަން ސާބިތު ކުރުމަށެވެ. ހެކިބަސް ދޭން ދެކޮޅު ހެއްދެވި ކަމަށް ވާތީ، މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ދެ ހެކިވެރިން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރެވިދާނެ ކަން ފާހަގަ ކުރައްވާފައެވެ. ނަމަވެސް ޔާމީންގެ ވަކީލް ވިދާޅުވީ، ހެކިންނަށް މަޖުބޫރުކޮށްގެން ހެކިބަސް ނެގުމަކީ ޔާމީން ބޭނުންފުޅުވާ ގޮތް ނޫން ކަމަށެވެ.
ނަރީޝް ހެކިބަސް ދޭން ދެކޮޅު ހެއްދެވި ކަމީ ފާހަގަކޮށްލެވޭ ކަމެކެވެ. ސަބަބަކީ، ޔާމީން ގެންދަވަނީ މި ސަރުކާރަށް ތާއިދު ނުކުރައްވާ ކަން ހާމަ ކުރައްވަމުން ކަމަށްވާ އިރު، ނަރީޝް ހުންނެވީ ޕީއެންސީ މެންބަރެއްގެ ގޮތުގައި ވެސް، ޔޫތު މިނިސްޓްރީގެ އެޑްވައިޒަރެއްގެ ގޮތުގައި ވެސް ސަރުކާރާ ގާތްކޮށް ކަމަށްވާތީ، ދެ ބޭފުޅުންގެ ދެމެދުގައި ކުރިން އޮތް ސިޔާސީ ގުޅުން ވަނީ ކެނޑިފައެވެ. ހަމަ އެ ފަދައިން، ފުއްގިރި މައްސަލައިގައި ޔާމީންގެ ހެއްކެއްގެ ގޮތުގައި ހުށަހެޅި، ސަން ކުންފުނީގެ ވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވެސް ވަނީ ކޯޓުގައި ހެކިބަސް ދެއްވަން ދެކޮޅު ހައްދަވާފައެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ޔާމީން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ ދައުވާގައި، ޔާމީންގެ ދިފާއީ ހެކިންގެ ހެކިބަހުގައިވާ ގޮތުން، ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ނިސްބަތްވަނީ ފެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމްގެ އަތުން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތަކަށް ކަމަށެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން އާންމުކުރި ހުކުމްގައި ވާ ގޮތުން، ޔާމީންގެ ދިފާއުގައި ހެކިބަސް ދިން ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވެއެވެ. ހެކިންގެ ހެކިބަހުގައި ހުރި ފުށޫއެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަތަކުން، ހެކިން ކޯޓަށް އޮޅުވާލައި ދޮގު މައުލޫމާތު ދީފައިވާކަން ހާމަވެފައިވާ ކަމަށް ވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.
