މި ދައުރު ނިމެންދެން ސަރުކާރުގައި ހިމެނޭ އެއްވެސް ޕާޓީއެއްގެ މެންބަރެއް ސަރުކާރުން ވަކި ނުކުރެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މި އަހަރު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން ކެންޑިޑޭޓަރު ނެރެން ނިންމުމާ ގުޅިގެން ޖޭޕީގެ މެންބަރުން ސަރުކާރުން ވަކިކުރަން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އެ މައްސަލަ ހޫނުވެފައި ވަނިކޮށް މިއަދު ރައްޔިތުން މަޖިލީހުގެ ވަޓްއަޕް ގްރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ މިވަގުތު ހިނގަމުން ދަނީ އެމްޑީޕީ އިސްވެ އުފެއްދި އިއްތިހާދުގެ ސަރުކާރެއް ކަމަށެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓުގައި އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވާދަކުރައްވަން ނިންމާފައި ވާއިރު އެކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ މަރުހަބާ ވެސް ދަންނަވާފައެވެ.

ސަރުކާރުގެ ކެބިނެޓުގައި ޖޭޕީގެ ތިން މިނިސްޓަރަކު ހިމެނޭއިރު އެއީ ގާސިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާއާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަނެވެ. މީގެ އިތުރުން ސްޓޭޓް މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ މަގާމުތަކުގައިވެސް ޖޭޕީގެ މެންބަރުން އެބަތިއްބެވިއެވެ.

ޖޭޕީގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާއިރު އެމަނުކުފާނު އުފައްދަވާފައިވާ އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނުން ޖޭޕީއާއެކު ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕެއް ހެދުމަށް މަޝްވަރާ ކުރަން ވެސް ވަނީ ނިންމާފައެވެ.

ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ގިނަ ދައުވަތުތަކެއް މީގެ ކުރިން ލިބުނުއިރު ގާސިމް ވަނީ ސިޔާސީ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ މަންދޫބުންނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝިދާއި، އެމަނިކުފާނުގެ މަންދޫބުންނާ ބައްދަލު ކުރައްވާފައި ވެއެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާވެސް ބައްދަލު ކުރައްވާފައި ވެއެވެ.