ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުންފުނީގެ މަސްލަހަތުވެރިންނާއެކު ހިޔާލު ބަދަލުކޮށް، މަޝްވަރާކުރުމުގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

"ސްޓޭކްހޯލްޑާ މީޓިންގް" ގެ ނަމުގައި މަސްލަހަތުވެރިންނާ އެމްޕީއެލްގެ އިސްވެރިން ބައްދަލުކުރެއްވީ އިއްޔެ މެންދުރު ޗަމްޕާ ސެންޓްރަލް ހޮޓެލްގައެވެ. އެމްޕީއެލްއިން ބުނީ، އެ ބައްދަލުވުމުގައި އެމްޕީއެލްގެ މަސްލަހަތުވެރިންގެ ތެރޭގައި ހިމެނޭ އިމްޕޯޓަރުން އަދި ޝިޕިން އެޖެންޓުންގެ އިތުރުން މަޖޫރީން ބައިވެރިވެފައިވާ ކަމަށެވެ.

އެމްޕީއެލްއިން ބުނީ އެ ފޯރަމްގައި ބައިވެރިވި މަސްލަހަތުވެރިން އެ ފަރާތްތަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހިއްސާކުރި ކަމަށެވެ. މީގެ އިތުރުންވެސް ރޯދަ މަހު މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް ރޭވިފައިވާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އެކަންކަމުގައި ކުންފުނީގެ މަސްލަހަތުވެރިންގެ ހިޔާލު ހޯދާ އަދި ކަންބޮޑުވުންތައް އެމްޕީއެލްގެ މެނޭޖްމަންޓާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެމްޕީއެލްގެ ފަރާތުން އެ ފޯރަމްގައި މަސްހަލަތުވެރިންނަށް މައުލޫމާތު ދިން ޕެނަލްގައި، ސީއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އާއި ޗީފް އޮޕަރޭޝަންސް އޮފިސަރު މުހައްމަދު މަސީހު އަބްދުލްސައްތާރާއި ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ތޮލްހަތު ސައީދާއި ޗީފް އޮޕަރޭޝަންސް އޮފިސަރ މުހައްމަދު މަސީހް އަބްދުލްސައްތާރާއި ޗީފް ރިސްކް އޮފިސަރު އިބްރާހިމް ޒާހިރު އަދި ހާބަރު މާސްޓަރު ހަސަން ޒަރީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ކުންފުނީގެ ސީއީއޯ ޝާހިދު ވިދާޅުވީ، ކުރިއަށް އޮތީ ރޯދަމަސް ކަމުން އެ ކުންފުނިން އެންމެ އިސްކަމެއް ދޭނީ ރޯދަ މަހަކީ އެހެން މަސްތަކާ ހިލާފަށް މުދާ އެތެރެ ކުރާ މިންވަރު އިތުރުވެގެންދާ މަހަކަށް ވާއިރު، ގެންނަ މުދާ ވީހާ އަވަހަކަށް ކްލިއަ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުން ކަމުގައެވެ. އަދި އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތަށް މަސްލަހަތުވެރިންނާ ހިއްސާ ކުރެއްވިއެވެ.

ކުރިއަށް ގެންދިޔައީ ކާމިޔާބު ބައްދަލުވުމެއް ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ކުންފުނިން އެމްޕީއެލްގެ މަސްލަހަތުވެރިންނާއެކު އިތުރު ބައްދަލުވުންތަކެއް ބާއްވަން ނިންމައިފާވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ.