ރޯދަ މަހަށް ހާއްސަކޮށް، ދެމުންގެންދާ ރޯދަ އިނާޔަތް ބޮޑުކޮށްދިނުމަށާއި ހުރިހާ މަސައްކަތް ތެރިންނަށްވެސް އިނާޔަތް ދިނުމަށް އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމުއެވެ.

ޝިޔާމު ވިދާޅުވީ ރޯދަމަހަކީ ކޮންމެ ދިވެހި މުސްލިމް ރައްޔިތަކުވެސް އަޅުކަން އަދާ ކުރާ މަތިވެރި މައްސަރެއް ކަމަށާއި އަދި ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ މި ދަނޑިވަޅުގައި މިހާރު ދޭ 3000 ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ކަނޑައަޅާދިނުމަށެވެ. މީގެ އިތުރުންވެސް ރޯދަ އިނާޔާތް ދިނުމަށް މިހާރު އެކުލަވާލާފައިވާ ވަޒީފާއާ ބެހޭ ގާނޫނު އަލުން މުރާޖާ ކޮށް، ހުރިހާ ފަންނުތަކުގެ މަސައްކަތް ކުރާ މަސައްކަތްތެރިންނަށާއި މަސްވެރިންނާއި ދަނޑުވެރިންނަށް ވެސް ރޯދައިގެ އިނާޔަތް ލިބޭ ގޮތް ހަމަޖައްސާ ދިނުމަށް ޝިޔާމް ހުށަހެޅި މައްސަލައިގައި ވެއެވެ.

އެ މައްސަލަ މަޖިލިހުން ބޭރުކޮށްލާފައި ވަނީ ވޯޓުދެއްވި 42 މެންބަރުންގެ ތެރެއިން 27 މެންބަރުންގެ ވޯޓާ އެކުގައެވެ. މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ.

ރޯދަ އިނާޔަތަކީ ކޮންމެ ރޯދަ އަކާ ދިމާކޮށް މުސްލިމު މުވައްޒަފުންނަށް ދޭން ގާނޫނުގައި ލާޒިމު ކޮށްފައިވާ އިނާޔަތެކެވެ. މިއަހަރުގެ ރޯދަ އިނާޔަތް ދިނުމަށް ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ނެރެފައިވާއިރު ސާކިއުލާގައި ބުންފައިވަނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން ކަމަށެވެ. އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތް ނުދިނުމަށް އަންގާކަމަށް ވެސް އެ ސާކިއުލާގައި ބުނެއެވެ.

މީގެ އިތުރުން ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، "ޕޭ ލީވް ސްކޮލަޝިޕް މުވައްޒަފުން އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށް ވެސް ވަނީ އަންގާފައެވެ. އެހެންކަމުން އެ ފައިސާ މިމަހުގެ 19ގައި ސަރުކާރު މުވައްޒަފުންނަށް ދޭން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.