މިއަހަރު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިފަދައިން ވިދާޅުވެފައި ވަނީ ޖޭޕީއިން މިއަދު ބޭއްވި އެ ޕާޓީގެ 151 ވަނަ ބައްދަލުވުމުގައި ޖޭޕީއިން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމި ދަނޑިވަޅެއްގައެވެ.

އަލީ ޒާހިރު ވިދާޅުވީ ރައީސް ސޯލިހުގެ ލީޑަޝިޕްގައި އެމްޑީޕީ އިސްވެ އޮވެ އަދާލަތާއި އެމްޑީއޭ ހިމެނޭ ކޯލިޝަން އެކުގައި މަސައްކަތް ކޮށްގެން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޖޭޕީން ވަކިން ވާދަކުރަން ނިންމާފައި ވާއިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އަދި ކައުންސިލްގެ އިއްތިފާގުން ފާސްކުރީ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު އިންތިހާބު ކާމިޔާބު ކުރުމަށެވެ.

ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ގިނަ ދައުވަތުތަކެއް މީގެ ކުރިން ލިބުނުއިރު ރައީސް ސޯލިހުވެސް ވަނީ ދައުވަތު ދެއްވާފައެވެ. އެހެންނަމަވެސް ގާސިމް ވަނީ ދާދިފަހުން ބޭއްވި އެ ޕާޓީގެ ކޮންފަރެންސްގައި ކޯލިޝަން ހައްދަވައިގެން ލިބުނު ހިތި ތަޖުރިބާ ހިއްސާ ކުރައްވާފައެވެ.

ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ގާސިމް ވަނީ ސިޔާސީ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ މަންދޫބުންނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝިދާއި، އެމަނިކުފާނުގެ މަންދޫބުންނާ ބައްދަލު ކުރައްވާފައެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާވެސް ބައްދަލު ކުރައްވާފައި ވެއެވެ.

ގާސިމް ތަމްސީލު ކުރައްވާ ޖުމްހޫރީ ޕާޓީ އަކީ މިހާރު އޮތް ކޯލީޝަން ސަރުކާރުގެ 33 ޕަސެންޓް ހިއްސާދާރަކަށް ވާއިރު، ރައީސް ސޯލިހުގެ ކެބިނެޓްގެ 3 ޕޯސްޓާއި، އެކި ވުރާޒާތަކުގެ ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ޖޭޕީ ސްލޮޓްތަކުގައި ގިނަ ބަޔަކު އެބަތިއްބެވިއެވެ.