މި އަހަރު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން ކެންޑިޑޭޓަރު ނެރެން ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
ޖޭޕީއިން ރިޔާސީ ރޭހަށް ނިކުންނަން ފާސްކޮށްފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ 151 ވަނަ ބައްދަލުވުމުގައެވެ.
ޖޭޕީން ވަކިން ވާދަކުރަން ނިންމާފައިވާއިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އަދި ކައުންސިލްގެ އިއްތިފާގުން ފާސްކުރީ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު އިންތިހާބު ކާމިޔާބުކުރުމަށެވެ.
ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ގިނަ ދައުވަތުތަކެއް މީގެ ކުރިން ލިބުނުއިރު ގާސިމް ވަނީ ސިޔާސީ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ މަންދޫބުންނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝިދާއި، އެމަނިކުފާނުގެ މަންދޫބުންނާ ބައްދަލު ކުރައްވާފައެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާވެސް ބައްދަލު ކުރައްވާފައި ވެއެވެ.
ގާސިމް ތަމްސީލު ކުރައްވާ ޖުމްހޫރީ ޕާޓީ އަކީ މިހާރު އޮތް ކޯލީޝަން ސަރުކާރުގެ 33 ޕަސެންޓް ހިއްސާދާރަކަށް ވާއިރު، ރައީސް ސޯލިހުގެ ކެބިނެޓްގެ 3 ޕޯސްޓާއި، އެކި ވުރާޒާތަކުގެ ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ޖޭޕީ ސްލޮޓްތަކުގައި ގިނަ ބަޔަކު އެބަތިއްބެވިއެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުން ރައީސް ސޯލިހާއެކު ގާސިމް ކުރެއްވި މަޝްވަރާތަކުގައި މިހާރު ޖޭޕީއަށް އޮތް 33 ޕަސެންޓް ބޮޑު ކުރުމަށާއި، ގާސިމްގެ މަސްލަހަތު އޮންނަ ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސް ސަރުކާރުން ގަތުމާއި އެނޫންވެސް ބައެއް ޑިމާންޑްތައް ވަނީ ކުރައްވާފައެވެ. ނަމަވެސް މި ޑިމާންޑްތަކަށް ރައީސް ސޯލިހު ދެއްވި ޖަވާބެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.