ގާތްގަނޑަކަށް އެއް ލައްކަ ރުފިޔާގެ ކެނަބިސް، ކަސްޓަމްސް އިން މިދިޔަ ހަފްތާގައި އަތުލައިފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، މިދިޔަ އަންގާރަ ދުވަހު އަތުލައިގެންފައި ވަނީ ޕޯސްޓުގެ ޒަރިއްޔާ އިން އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތި ކަމަށެވެ.

އެ ތަކެތި އަތުލައިގެންފައި ވަނީ އެ ދުވަހު ޕޯސްޓުން ރާއްޖެ ގެނެސްފައިވާ ޕެކޭޖުތައް އެކްސްރޭ ކުރުމުގެ ތެރޭގައި ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުުމަށް ނިންމުނު ޕެކޭޖުގެ ތެރެއިން ހިކި ފަތްތަކެއް ފެނިގެން އެ ތަކެތި ތަހްލީލުކުރުމުގެ ގޮތުން ކަމަށް، ކަސްޓަމްސް އިން ބުންޏެވެ.

ފުރަތަމަ ތަހްލީލުން އެ ޕެކޭޖުގައި ހުރި ހިކިފަތްތަކަކީ ކެނަބިސް ކަން ދެނެގަނެވިފައިވާ ކަމަށާއި، އެ ތަކެތި ކިރިއިރު، ބަރުދަނަކީ 120 ގްރާމް ކަމަށާއި، މަގުމަތީ އަގު 96 ހާހަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހްގީގުކުރުމަށްޓަކައި ފުލުހުންނަށް ޕެކޭޖު ހަވާލުކުރި ކަމަށް ކަސްޓަމްސް އިން ބުނި ނަމަވެސް، އެ މައްސަލައާ ގުޅިގެން މީހަކު ފުލުހުންނާ ހަވާލުކުރި ކަމަކަށް ނުބުނެއެވެ.

ފަހަކަށް އައިސް ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ވަނީ އިތުރުވެފައެވެ. ބޭރު ބައެއް ގައުމުތަކުން ރާއްޖެ އަށް އަންނަ ބައެއް ބިދޭސީން ވެސް މަސްތުވާތަކެތި އެތެރެކުރާ ކަން ފާހަގަކުރެވިފައިވީ ނަމަވެސް، ސަރުކާރުން މިފަހުން އާންމުކުރި ގަވައިދުގެ ސަބަބުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ ބިދޭސީން އަނބުރާ ފޮނުވާލުމަށް މަގުފަހިވެގެން ދެއެވެ.

އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ކުއްލި މައްސަލައެއް ހުށަހަޅުއްވައި އެ ގަވައިދު އިސްލާހުކުރުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.