މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން އަވަސްކުރުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހަށް މި ގަރާރު ހުށަހަޅާފައިވަނީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. މި ގަރާރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފަސް އަހަރު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު މާލޭގެ އެއްވެސް ރައްޔިތަކަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިފައިނުވާ ކަމަށެވެ.
މިހިނގާ މަޖިލީހަށް އެތަކެއް ގަރާރުތަކަކާއި މައްސަލަތަކެއް ހުށަހަޅައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ތަކުރާރުކޮށް މެންބަރުން އެދެމުންދާކަން ފާހަގަކޮށް ގަރާރުގައި ބުނެފައިވަނީ ސަރުކާރުން އެ މަސައްކަތް ކުރަމުންދަނީ ވަރަށް ލަސް އަދި އެއްވެސް މިސްރާބެއް ނެތި ކަމަށް ދެކޭ ކަމަށް އެގަރާރުގައި ބުނެފައިވެއެވެ.
އަދި ބޯހިޔާވަހިކަމެއް ހޯދުމަށް ބޭނުންވާ ތަނަވަސްކަން ފަހިކޮށްދިނުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތްތަކެއް މިހާތަނަށްވެސް ކޮށްފައިނުވާ ކަމަށް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
ގަރާރުގައި އިތުރަށް ބުނީ، ސަރުކާރުގެ "ގެދޮރުވެރިން ޕްރޮގްރާމް"ގެ ދަށުން ހިންގާ 'ބިންވެރިޔާ' އަދި 'ގެދޮރުވެރިޔާ' ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާ ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ސަރުކާރުން އެކުލަވާލާފައިވާ "ގެދޮރުވެރިންގެ ކޮމިޓީ"އިން ކުރަމުން ގެންދާ މަސައްކަތަކީ ދެފުށް ފެންނަ އަދި ރައްޔިތުންނަށް އިތުުބާރު ހިފޭ ގޮތަކަށް ކުރެވޭ މަސައްކަތަކަށް ވާންޖެހޭ ކަމަށެވެ.
ގަރާރުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.