އިންޑިއާއިން ދަނީ ރާއްޖޭގެ 'ކަރުތެރެއަށް އަތްބާނަމުން' ކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ސަރުކާރަށް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ އިންޑިއާއާ މެދު އޮތީ އެންމެ މައްސަލައެއް ކަމަށާއި އެއީ ރާއްޖޭގެ ދާހިލީ ކަންކަމާ އިންޑިއާއިން ބެހުން ކަމަށެވެ.

"އަޅުގަނޑުމެން އިންޑިއާއާ މެދު އޮތީ އެންމެ މައްސަލައެއް. އެއީ އަޅުގަނޑުމެންގެ ކަރުތެރެއަށް އަތްބާނަން ނުހަދާށޭ. މާނައަކީ އަޅުގަނޑުމެންގެ ދާހިލީ ކަންތައްތައް"
ޑރ. މުނައްވަރު

މުނައްވަރު ވަނީ ގައުމުގެ ކަންތައްތައް ނިންމުމުގައި އިންޑިއާއިން ބެހިގެން ނުވާނެ ކަމަށާއި އިރު އިރުކޮޅާ ވަޒީރުން ހައިކޮމިޝަނަށް ހާޒިރުކޮށްގެން ކުރަމުންދާ ކަންކަން ހުއްޓާލަން ގޮވާލައްވާފައެވެ. އަދި އިންޑިއާ އައުޓު ކެމްޕެއިނާ ދެކޮޅަށް ގާނޫނުތައް ފާސްކުރި ކަން ފާހަގަކުރައްވާ މުނައްވަރު ވިދާޅުވީ އެކަމުން ވެސް އެނގެނީ އިންޑިއާއާ ދެކޮޅަށް އެއްވެސް ވާހަކައެއް ދެއްކުމާ މެދު ސަރުކާރުން ދެކޮޅު ހަދާ މިންވަރު ކަމަށެވެ.

މުނައްވަރު ވަނީ ރާއްޖެ ރިޝްވަތާއި ކޮރަޕްޝަނުން ފުރިފައި ކަމަށާއި އަދި އެކަންކަމަށް ޒީރޯ ޓޮލެރަންސް ގެންގުޅުމަކީ ކޯޗެއްކަން ސަރުކާރަށް ނުވިސްނޭ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބަށް ކުުރިމަތިލާން ނިންމި ނިންމުމަކީ އެއްވެސް އެހެން ސިޔާސި ބޭފުޅަކާއި މަޝްވަރާކޮށްގެން ނިންމި ނިންމުމެއް ނޫން ކަމަށާއި އެ އެއްވެސް ސިޔާސީ ފިކުރަކާއި ނުގުޅޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.