އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ނިންމަވައިފިއެވެ.

ޑރ. މުނައްވަރު މުއިއްޒުއަށް ތާއިދު ކުރައްވަން ނިންމަވާފައި ވަނީ ރިޔާސީ ކެމްޕެއިނަށް ޑރ. މުއިއްޒު އައްޑުއަށް ވަޑައިގަންނަވަން ނިންމާފައި ވަނިކޮށެވެ. ރޭގެ ވަގުތެއްގައި މުއިއްޒުގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) އައްޑޫއަށް ވަޑައިގެންފައިވާ އިރު، މުއިއްޒު އެ ސިޓީއަށް ވަޑަގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ.

މުނައްވަރު ވިދާޅުވީ، މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމެވީ، ގައުމީ މައްސަލަތަކުގައި އޭނާ ގައުމީ މަސްލަހަތު އިއްކުރެއްވުމާއި، ޗާގޯސް މައްސަލަ އާއި އަދި އެނޫންވެސް ގައުމީ ބޮޑެތި މައްސަލަތައް ހަމައަކަށް އެޅުވުމަށް މުއިއްޒު މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.

"މުއިއްޒުއާ ބައިވެރިވެ އެއް ބުރުން އިންތިހާބު ކާމިޔާބު ކުރަން މި ނުކުތީ، މުއިއްޒަކީ ގާބިލު ކެންޑިޑޭޓެއް ކަމަށް ގަބޫލު ކުރަން"
ޑރ. މުނައްވަރު

މި ކެމްޕެއިން ދަތުރުގައި އައްޑޫ މީދު އަށް އުފަން، މުނައްވަރު ވެސް ބައިވެރި ވެވަޑައިގަންނަވާނެ ކަން ވަނީ 'ދަ ޕްރެސް' އަށް އެނގިފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 10 އަހަރު ވަންދެން ބަންޑާރަ ނައިބުކަން ކުރެއްވި މުނައްވަރު، ވަނީ މީގެ ކުރިން މި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަން އަނބުރާ ގެންދަވާފައެވެ.

މިފަހަރު ރިޔާސީ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ބައިވެރި ވެވަޑައިގަންނަވާ އިރު، ޗާގޯސް މައްސަލައިގައި ކަނޑު ވިއްކާލި ކަމަށް ތަހުމަތުކޮށް އުފެދިގެން ދިޔަ އިއްތިހާދުގައި ބައިވެރިވި ސިޔާސީ ކެންޑިޑޭޓުން އެބަ ތިއްބެވިއެވެ. މުނައްވަރު ވެސް ބައިވެރިވެވަޑައިގެން އެ އިއްތިހާދުގައި އޭނާގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރާއި ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި، ޖުމްހޫރީ ޕާޓީ އަދި ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އުޅުނު ފިކުރެއްގެ ދިރުން ގެ ބައިވެރިން ހިމެނެއެވެ.