މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ 9 ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދިޔަ ވަގުތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނުް ގުޅުއްވާފައިވާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މުނައްވަރު މިހެން ވިދާޅުވީ، ޔުމްނު އުސް އިމާރާތަކުން ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މުނައްވަރު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްތަކާއި، ތަހުގީގުތަކާއި، ތަހުގީގު ޓީމްތައް ދިޔަ ތަންތަނުގެ އިތުރުން މި މައްސަލައިގައި އެއްވެސް ވަޒީރެއް ހިމެނޭތޯ އާއި އަދި މި މައްސަލައިގައި ޝާމިލްވާ ކުށްވެރިންނާއި އެމީހުންގެ އާއިލާއާ އޮތް ގުޅުންތަކާ ގުޅޭ ގޮތުން އެއްޗެއް ދެންނަވަން އަދި ދަތި ކަމަށެވެ. ސަބަބަކީ އަދި އެ ކޮމިޝަން އިން މި މައްސަލަ ބަލަން ފަށާފައިވާ އިރު، މިހާތަނަށް އަދި ބާއްވާފައި ވަނީ އެންމެ ބައްދަލުވުމެކެވެ. އިތުރު ބައްދަލުވުމެއް މިއަދު ބާއްވަން ވަނީ ތާވަލްކޮށްފައެވެ.

އެހެން ނަމަވެސް ހިނގަމުންދާ ތަހުގީގަކާ ގުޅިގެން ލައިވް ނިއުސްފީޑެއް ދެމުން ދަނިކޮށް މިނިސްޓަރަކު އެކަމަށް އިންޓަވީން ކުރަން އުޅުން އެއީ ރަނގަޅު ކަމެއް ކަމަކަށް ނުބެލެވޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ. ތިފަދަ ތުހުމަތުތައް އުޅޭ ކަމަށް ވަންޏާ އެއީ ހިނގި ކަމެއް ތޯ އެކަމެއް ހިނގީ ކީއްވެގެން ތޯ ބަލައި ކަށަވަރު ކުރާނަން ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މި ހާދިސާ އާ ގުޅިގެން މައުލޫމާތު ދިނުމަށް އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ 'ސިއްރު' ބައްދަލުވުމުގައި ފުލުހުން ވަނީ މި މައްސަލައާ ގުޅޭ ސީސީޓީވީ ފުޓޭޖުތައް ދައްކާފައެވެ. އޭރު ފުލުހުން ބުނެފައި ވަނީ، އެ ޒުވާނާ ރޭޕްކުރި ކަމަށް މީސްމީޑިއާގައި އޮތް ނަމަވެސް އެފަދަ ހެއްކެއް ނެތް ކަމަށެވެ. އަދި އެ ޒުވާނާ ފުރާޅު މައްޗަށް ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫން ކަމަށާއި، އޭނާ ވެއްޓުނީ އަމިއްލަ އަށް ކަމަށެވެ.

އެއަށްފަހު މި ކޭސްއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޒުވާނުން މުޒާހަރާ ކުރަން ފެށުމުން ފުލުހުން ވަނީ އިތުރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި މި ހާދިސާގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށް އެ ހާދިސާ ހިންގި ދުވަހުގެ ސީސީޓީވީ ފުޓޭޖް ވެސް ވަނީ އާންމު ކޮށްފައެވެ. އެ ދުވަހު ފުލުހުން ދެއްކި ފިޓޭޖުން ފެންނަ ގޮތުގައި. ހ. ފެންޓެނޯއީ ގެއަށް އެ ދެމީހުން ވަންނަނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު 4:30ގައެވެ. އެ ސީސީޓީވީ ފުޓޭޖުން ދައްކާ ގޮތުގައި 4:51 ގެ ފަހުން އެ އަންހެން މީހާއެއް ނުފެނެއެވެ.

މި ސީސީޓީވީ ފުޓޭޖްތައް ދައްކަމުން ދިޔަ ވަގުތު ޕްރެސް ކޮންފަރެންސްގައި ތިއްބެވި ދެ ބޭފުޅުންގެ ތެރެއިން އެކަކު ވަނީ މިނިސްޓަރު އަމީން އެބަ ގުޅުއްވާ ކަމަށް ވިދާޅުވެފައެވެ. އެއީ ޖެހިގެން ހުރި މީހެއްގާތުގައި ބުނި ވާހައެއް ކަމުގައި ވިޔަސް މައިކް އޮންކޮށްފައި ހުރުމުން އެ އަޑު ވަރަށް ސާފުކޮށް އިވެއެވެ. މި ކަމާ ގުޅިގެން މުޒާހަރާގެ ބައިވެރިން ވަނީ އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހުންނެވި ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު އާއި އަމީން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

މިހެން އާންމުން ގޮވާލާފައި ވަނިކޮށް ޝުޖާއު އިސްތިއުފާ ދެއްވި ނަމަވެސް އަމީން މަގާމުން އިސްތިއުފާއެއް ނުދެއްވައެވެ. އެއާއެކު މިހާރު އެމްޑީޕީން ވަނީ އަމީންގެ އިތުބާރު ނމެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ.

ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ، ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން ޔުމންު އާއި ރައުދު އަހްމަދު ޒިލާލް ގ. ކަށިވެލި ގެއަށާއި އަމީންގެ މާންދޫގެ ދެކުނުގެއަށް ދިޔައެވެ. މި ހާދިސާ ހިނގި ވަގުތު އަމީން ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.