މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅަކާ އެކު، މޮރިޝަސް އާއި ރާއްޖެ ގުޅޭ ކަނޑުން ބޮޑު ބައެއް މޮރިޝަސް އަށް ދޫވެގެން ދިޔަ މައްސަލަ ދިރާސާ ކުރަން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާ ހަވާލު ކޮށްފިއެވެ.

ދެގައުމުގެ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދުން ފުސޫ އަރާބައި ބެހުމުގައި ބައިނަލްއަގުވާމީ ކަނޑާ ބެހޭ ކޯޓުން ނިންމާފައި ވާ ނިންމުން ނިންމުމުގައި ކަން ހިނގާފައި ވާ ގޮތާއި، މޮރިޝަސް އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅާ އެކު ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގައި ގާނޫނީ ގޮތުން ކުރެވިދާނެ ކަންކަން މުނައްވަރު ބައްލަވާނެއެވެ.

މުނައްވަރުގެ އިތުރުން މި މަސައްކަތަށް ބޭނުންވާ ގާނޫނީ ލަފާ ހޯދުމަށް އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރަކުވެސް ވަނީ ޢައްޔަން ކޮށްފައެވެ. މި ދެ ގާނޫނީ މާހިރުންނަކީވެސް ކަނޑާބެހޭ މުއާހަދާ އާ ގުޅުންހުރި މި ފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެބޭފުޅުންނެވެ.

ކުރީގެ ބަންޑާރަނައިބު މުނައްވަރަކީ 1993 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ބަންޑާރަނައިބުކަން ކުރެއްވުމުގެ އިތުރުން ބައިނަލްއަގްވާމީ ގާނޫނުތަކާއި، ކަނޑުތަކާބެހޭ ގާނޫނުގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ހާސިލްކުރައްވާ، އަދި ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ދިރާސާތައް ކުރައްވާ، މިދާއިރާގެ ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ގާނޫނީ މާހިރެކެވެ.

މި ދާއިރާއިން ޑރ. މުޙައްމަދު މުނައްވަރު ކުރައްވާފައިވާ މުހިއްމު މަސައްކަތުގެ ތެރޭގައި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު އެކުލަވާލެއްވުމާއި، ބައިނަލްއަގްވާމީ ކަނޑާ ބެހޭ މުއާހަދާ (UNCLOS) އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން ގިނަގުނަ ގާނޫނީ މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފާ ގުޅިގެން ދިވެހިރާއްޖެއިން 2010 ވަނަ އަހަރު ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް (CLCS) އަށް ހުށަހެޅި މައްސަލަ ދިވެހިރާއްޖެއިން ހުށަހަޅާފައި ވަނީ ޑރ. މުނައްވަރުގެ ބެއްލެވުމުގެ ދަށުންނެވެ. މީގެއިތުރުން، އިޓްލޮސް ގައި ކުރިޔަށްދިޔަ މައްސަލާގައި ކުރީގެ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތާބެހޭ ގޮތުންނާއި، އެ މައްސަލާގައި އޭރުގެ ސަރުކާރުން ޢަމަލުކޮށްފައި ވަނީ ދިވެހިރާއްޖޭގެ މަސްލަޙަތު ހިމާޔަތްކުރެވޭ ފަދައަކުން ނޫންކަން ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކޮށްދެއްވާފައިވާ އެއް ބޭފުޅަކީވެސް މުނައްވަރެވެ.

މި ި ދެބޭފުޅުންނާ ހަވާލު ކުރެއްވި މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ، މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމާއި، މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އޮގަސްޓް 22، 2023 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި، އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ދިވެހިރާއްޖެއިން ނެގެން ހުރި ދިފާޢުތަކަކީ ކޮބައިތޯ އަދި އެ ގޮތަށް އަމަލުކުރިނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުސަތު އޮތްތޯ ބެލުމެވެ.

އަދި މި މައްސަލައިގައި ދެން އަމަލުކުރެވިދާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި މިކަންކަމާގުޅޭ ގާނޫނީ ލަފައެއް ހޯދުންވެސް ހިމެނޭ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެއެވެ. މިގޮތުން، މި މައްސަލާގައި މުނައްވަރުގެ ޓީމުން މައްސަލަ ދިރާސާކޮށް ފެބްރުވަރީ މަހުގެ ކުރީކޮޅު ބަންޑާރަނައިބަށް ގާނޫނީ ލަފާ ލިޔުމުން ހުށަހަޅާނެއެވެ.

އަދި ރިޕޯޓެއް ތައްޔާރު ކޮށް ކެބިނެޓަށް ހުށަހަޅާ އޭގެ އަލީގައި ދެން ކުރިއަށްދާން ވީ ގޮތްތައް ނިންމާނެ ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނެއެވެ.

ކަނޑުގެ މައްސަލައިގައި އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.