ޕޯސްޓު މެދުވެރިކޮށް ގެނައި 9 ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށާއި އެގޮތުން ބަލައި ފާސްކުރެވުނު ޕެކޭޖަކީ އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ކަމަށެވެ.

އެތަކެތި ޓެސްޓް ކުރުމުގެ ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ބަރުދަނުގައި ޖުމްލަ 520 ގްރާމް ހުރި ކަމަށެވެ

ކަސްޓަމްސްއިން އިތުރަށް ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެޕެކޭޖް ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ޕޯސްޓް މެދުވެރިކޮށް އެކި ފަހަރު މަތިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވާއިރު އެތަކެތީގެ ތެރޭގައި މެފެޑްރޯން ވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.