ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ސައުދީއާއި އީރާނާއި ޗައިނާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.

ސައުދީއާއި އީރާނުން، ދެ ގައުމުގެ ދެމެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކޮށް ދެ ގައުމުގެ އެމްބަސީތައް އަލުން ހުޅުވުމަށާއި ގައުމުތަކުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމާއި ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް އަލުން ކަށަވަރުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އީރާނާއި ސައުދީ ސުލްހަވެ ދެގައުމުގައި ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އެމްބަސީ ހުޅުވަން އެއްބަސްވެފައި ވާއިރު ދެގައުމުން މިކަމަށް އެއްބަސްވީ ޗައިނާ މެދުވެރިއެއްގެ ރޯލު އަދާކޮށް ޗައިނާގެ ބެއިޖިންގައި އެ ދެގައުމާއި ޗައިނާގެ އޮފިޝަލުން ބައިވެރިވި ބައްދަލުވުމެއްގައެވެ.

އެ އެއްބަސްވުމުގެ ދަށުން ދެގައުމުގެ ދެމެދުގައި އެމްބަސީ ހުޅުވުމުގެ އިތުރުން އެއްގައުމު އަނެއް ގައުމުގެ ދާހިލީ ކަންކަމާ ނުބެހުމަށާާއި ސަލާމަތާ ގުޅޭ މުއާހަދާ އާކުރަންވެސް އެއްބަސްވެފައި ވެއެވެ. މި މުއާހަދާ އަކީ ދެގައުމުގެ ދެމެދުގައި ކުރިން ގާއިމު ކުރި އެހެނަސް 2001 ގައި ހުއްޓުމަކަށް ގެނައި މުއާހަދާއެކެވެ. އީރާނާއި ސައުދީ އާ ދެމެދު ގުޅުން ގޯސްވެ ނުތަނަސްވެގެން ދިޔައީ ސައުދީން ޝިޔައީ މުސްލިމް ލީޑަރެއް މަރާލުމާ ގުޅިގެން އީރާނުގައި ހުރި ސައުދީ އެމްބަސީ ކައިރީގައި ކުރި މުޒާހަރާތަކާއެކު 2016 ގައި ސައުދީން ގުޅުން ކަނޑާލުމުންނެވެ.