ރަޝިއާއިން ޔޫކްރައިން އަށް އަރާ ހަނގުރާމަ ފެށިފަހުން އަހަރެއް ވެގެން ދިޔަ އިރު ހުޅަނގުގެ މަދަދާއެކުވެސް ރަޝިއާ ބަލި ކުރެވޭ ގޮތެއް އަދި ނުވެއެވެ.

ހުޅަނގުގައި ބޭނުން ކުރާ އެންމެ ޒަމާނީ ހަތިޔާރުން ޔޫކްރައިންގެ ފައުޖުތައް ތައްޔާރު ކުރަމުން ދާ އިރު، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވަނީ، ރަޝިއާ ބަލިކުރުމަކީ ވާނެ ކަމެއް ނޫން ކަމަށާއި ހަނގުރާމައިގެ މައިދާނުގައި އެއީ "އިމްޕޮސިބަލް" ކަމެއް ކަމަށެވެ.

ހުޅަނގުން ޔޫކްރައިނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދޭ ވާހަކަ އިއުލާން ކުރުމާއެކު، ޔޫކްރައިން ހަނގުރާމަ އަށް އަހަރުވީ ދުވަހު ޕުޓިން ވިދާޅުވީ، އެގަމުގެ ޒަމާނީ 2 އުފެއްދުމެއް ހަނގުރާމައަށް ނެރުއްވާނެ ކަމަށެވެ. އެތަނުން އެއް ހަތިޔާރަކީ ކިންޒާލް ހައިޕަސޮނިކް މިސައިލެވެ. ރަޝިއާބަހުން ކިންޒާލްގެ އިނގިރޭސި މާނައަކީ ޑެގާ އެވެ.

އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރުކޮށް މަގާމުތައް ގޮއްވާލައި މި މިސައިލް ރަޝިއާއިން އެންމެ ފުރަތަމަ ބޭނުން ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު ކަމަށް ރަޝިއާ އިން ވަނީ ބުނެފައެވެ. އެއީ ޔޫކްރައިންގެ މަގާމެއްގައި ހުރި ތެޔޮ ގުދަނެއް ގޮއްވާލުމަށެވެ. އަދި ޕުޓިން ވިދާޅުވެފައި ވަނީ ހައިޕަސޮނިކް މިސައިލްގެ ދުނިޔޭގައި ރަޝިއާއަކީ ލީޑަރު ކަމަށެވެ.

ނިއުކްލިއާ ވޯހެޑްވެސް އުފުލޭ މި މިސައިލަކީ، އޭގެ ސްޕީޑްގެ ސަބަބުން، އެންޓި މިސައިލް ސިސްޓަމްތަކަށް ވެސް ދަމައިގަންނަން ފަސޭހަ މިސައިލެއް ނޫނެވެ. މިސައިލް ވައިގެ ތެރެއިން މައްޗަށް އަރައިގެން ގޮސް ޓެރެކިން ސިސްޓަމްތަކަށް ނުފެންނަ ހިސާބަށް އަރައިގެން ދެއެވެ. ދެން އެނބުރި އަމާޒަށް އަންނަނީ އެހާބެ ސްޕީޑްގައެވެ.

ރަޝިއާގެ މި މިސައިލާ ކުޅުމުގެ ކުޅަދާނަކަން ނެތް ކަމަށް ޔޫކްރައިންގެ ތަރުޖަމާން ޔޫރީ އިނާތް ވިދާޅުވެފައި ވާއިރު، އެމެރިކާގައި ހުރި ހައިޕަސޮނިކް މިސައިލަށް އުދުހެވެނީ އަޑަށްވުރެ 5 ގުނަ ބާރަށެވެ. އޮސްޓްރޭލިއާ، އިނގިރޭސިވިލާތުގައި އެވަރުވެސް ނެތެވެ. ޗައިނާ އިންވެސް އެ ޓެކްނޮލޮޖީ އުފެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އީރާނާއި، އިޒްރޭލް އަދި ސައުދީން ވެސް ވަނީ އެ ޓެކްނޮލޮޖީއާ ގުޅޭ ދިރާސާތަކެއް ކޮށްފައެވެ.

ރަޝިއާގެ މި މިސައިލާ ކުޅުމުގެ ގާބިލުކަން ދުނިޔެއަށް ލިބިފައި ނުވާ އިރު މިފަދަ ދެވަނަ މިސައިލެއް ވެސް ރަޝިއާ އަތުގައި އެބައޮތެވެ. އެއީ ހައިޕަސޮނިކް ކްރޫޒް މިސައިލެކެވެ. ކުރީ މިސައިލް ގޮތަށް މިއީ ޓްރެކަރު ތަކަށް ނާރާހާ މައްޗަށް އަރައިގެން ދާ މިސައިލެއް ނޫނަސް މިއީވެސް ދުވެލި ބާރުކަމުގެ ސަބަބުން އަތުލައިގަތުމަށް ސިސްޓަމްތަކަށް އުނދަގޫ މިސައިލެކެވެ. އަދި މީގައިވެސް ނިއުކްލިއާ ވޯހެޑް ހަރުކުރެއެވެ.

ރަޝިއާ ބަލިކުރަން އެމެރިކާއާއި ހުޅަނގު ގުޅިގެން ޔޫކްރައިނަށް ހަތިޔާރު (އެންމެ ޒަމާނީ ޓޭންކް) ފޯރުކޮށްދޭން ފަށާފައި ވާއިރު ރަޝިއާ ސިފައިން މިހާރު ވަނީ ޔޫކްރައިންގެ ސިޓީއެއް ކަމަށް ވާ ބަކްމޫތުގެ އިރުމަތީ ބިތް އަތުލާފައެވެ. ރަޝިއާގެ ފައުޖުތައް އެތެރެއަށް ޖެހުނަ ނުދިނުމަށް ޔޫކްރައިން ސިފައިން ގަދަ އަޅާ މަސައްކަތް ކުރަމުން ދާއިރު، މައިދާނުގައި ތިބި ސިފައިން ބުނެފައި ވަނީ އެމީހުންގެ އަތުން ހަތިޔާރު ހުސްވަނީ ކަމަށާއި، ސަޕްލައި އަވަހަށް ބޭނުންވާ ކަމަށެވެ. މިއާއެކު ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވެފައި ވަނީ ބަކްމޫތް ދޫވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.