ޒަމާނުންސުރެ ހަތުރުވެރިންގެ ގޮތުގައި އޮންނަ އީރާނާއި ސައުދީ ސުލްހަވެ ދެގައުމުގައި ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އެމްބަސީ ހުޅުވަން އެއްބަސްވެއްޖެއެވެ.
ދެގައުމުން މިކަމަށް އެއްބަސްވީ ޗައިނާ މެދުވެރިއެއްގެ ރޯލު އަދާކޮށް ޗައިނާގެ ބެއިޖިންގައި އެ ދެގައުމާއި ޗައިނާގެ އޮފީޝަލުން ބައިވެރިވި ބައްދަލުވުމެއްގައެވެ. އެ އެއްބަސްވުމުގެ ދަށުން ދެގައުމުގެ ދެމެދުގައި އެމްބަސީ ހުޅުވުމުގެ އިތުރުން އެއްގައުމު އަނެއް ގައުމެއްގެ ދާހިލީ ކަންކަމަށް ނުޖެހުމަށާާއި ސަލާމަތާ ގުޅޭ މުއާހަދާ އާކުރަންވެސް އެއްބަސްވެފައި ވެއެވެ. މި މުއާހަދާ އަކީ ދެގައުމުގެ ދެމެދުގައި ކުރިން ގާއިމު ކުރި އެހެނަސް 2001 ގައި ހުއްޓުމަކަށް ގެނައި މުއާހަދާއެކެވެ.
ސައުދީ އާއި އީރާން އެއްގަލަކަށް އެރުމުން ޗައިނާއިން އެކަމަށް މަރުހަބާ ކިޔާފައި ވާ އިރު، އީރާނުން ބުނީ ދެގައުމުގެ ދެމެދުގައި އޮތް އޮޅުންތައް ސާފުވެ އެއްގަލަކަށް އެރިގެން ދިޔުމުން އިލސްމީ ދުނިޔޭގެ ބާރު އިތުރަށް ގަދެވެ، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުރަށް ކަށަވަރުވެގެން ދާނެ ކަމަށެވެ.
އީރާނާއި ސައުދީ އާ ދެމެދު ގުޅުން ގޯސްވެ ނުތަނަސްވެގެން ދިޔައީ ސައުދީން ޝިޔައީ މުސްލިމް ލީޑަރެއް މަރާލުމާ ގުޅިގެން އީރާނުގައި ހުރި ސައުދީ އެމްބަސީ ކައިރީގައި ކުރި މުޒާހަރާތަކާއެކު 2016 ގައި ސައުދީން ގުޅުން ކަނޑާލުމުންނެވެ. އީރާނަކީ ޝިޔައީ މެޖޯރިޓީ އޮންނަ ގައުމަކަށް ވާއިރު ސައުދީ އަކީ ސުންނީ މުސްލިމުންގެ މެޖޯރިޓީ އޮންނަ ގައުމެކެވެ. މެދުއިރުމަތީގެ ގިނަ މައްސަލަތަކުގައި މި ދެގައުމުގެ ހިޔާލު ތަފާތު ވުމުގެ އިތުރުން މައްސަލަތަކުގައި ނަގާ ކޮޅުވެސް ތަފާތު ވެގެންދެއެވެ. އެފަދަ އެއް ގައުމަކީ ޔަމަނެވެ. ޔަމަނުގައި ވަކިވެގަތުމަށް ހަނގުރާމަ ކުރާ ހޫތީ ދަރިކޮޅަށް އީރާނުން އެހީވާއިރު، އެގައުމުގެ ސަރުކާރަށް އެހީވާ ބަޔަކީ ސައުދީއެވެ. ލުބުނާން، ސީރިއާ ގެ މައްސަލަތަކުގައި ވެސް މި ދެގައުމުން ނަގަނީ ދެފަޅިއެވެ.
ސައުދީ އާއި އީރާން ސުލްހަ ކުރުމުގައި އީރާގުންވެސް މުހިންމު ދައުރެއް އަދާ ކޮށްފައި ވެއެވެ. އެގޮތުން 2021 ގައި އީރާގުގެ އާންމު އިންތިހާބު ބޭއްވުމާ ހަމައަށް ސައުދީ އާއި އީރާނުގެ އޮފިޝަލުން ބައިވެރިވި 5 ބައްދަލުވުމެއް ބާއްވާފައި ވާ ކަމަށާއި އަދި އޯމާންގައި ވެސް 1 ބައްދަލުވުން ބާއްވާފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް މި ބައްދަލުވުންތަކުން ނިިކުތް ނަތީޖާއެއް ހާމަ ނުކޮށް އޮވެ މިއަދު ކުއްލިއަކަށް ހާމަ ކުރީ، ދެގައުމު ސުލްހަވާން އެއްބަސްވި ކަމަށެވެ.
ޗައިނާގައި މި ތާރީހީ ނިންމުމަށް އެއްބަސްވުމުން އެމެރިކާއިން ބުނީ، ސައުދީ އާއި އީރާން ސުލްހަވާ ކަން އެނގުނު ކަމަށާއި، އެ ސުލްހައިން ޔަމަނަށް ހަމަޖެހުން ލިބި، މެދުއިރުމައްޗަށް ހަމަޖެހުން ލިބިގެން ދާން އުންމީދު ކުރާ ކަމަށެވެ. އަދި މެދުއިރުމަތީގައި ސުލްހަ ގާއިމުވެގެން ދިޔުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާގެ ސިޔާސަތެއް ކަމަށް ވެސް ބުނެފައި ވެއެވެ.