މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހިރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހައްޖުވެރިންނަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ކިޔުމަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުންނާއި ދިވެހި ހައްޖު މިޝަން، ސަޢުދީގައި ހުންނަ ދިވެހި އެމްބަސީ އަދި ހައްޖު ކޯޕަރޭޝަންގެ ބޭފުޅުން އެއާޕޯޓުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެ މިނިސްޓްރީން އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ދިވެހި ހައްޖާޖީންނަށް ސައުދީ އަރަބިއްޔާގެ ފަރާތުން މަރުހަބާ ކީ ފިނިފެންމަލުގެ ވެދުމަކުންނެވެ.
އެގޮތުން ހައްޖާޖީން ހިނގާފައި ދާންވީ މަގު ފާހަގަ ކުރުމަށް ވެސް ފިނިފެންމަލުގެ ފިޔަ ބޭނުން ކޮށްފައިވާއިރު ކޮންމެ ހައްޖާޖީއަކަށް ވެސް މަރުހަބާ ކިޔުމުގެ ގޮތުން ފިނިފެންމަލެއް ވަނީ ދީފައެވެ. އަދި މިއީ ދިވެހި ހައްޖުވެރިންނަށް މިފަދަ ގޮތަކަށް ޖިއްދާ އެއާޕޯޓުން މަރުހަބާ ދެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެއިން ހައްޖަށް ދާ މީހުންނަށް އަލަށް ތައާރަފްކުރި މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތް މިއަދު ތައާރަފް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީގެ ފޮރިން މިނިސްޓްރީގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ، ސައޫދީން އެ ފުރުސަތު ދެނީ އެ ގައުމަކުން އެއްފަހަރާ މަދުވެގެން 20،000 މީހުން ހައްޖަށް ދާނަމަ ކަމަށާއި ނަމަވެސް ރާއްޖެ އަށް އެ އަދަދާ ހަމައަށް ދެވޭނެ ދުވަހެއް ނޭނގުނަސް އެ ފުރުސަތު ލިބިފައި ވަނީ އެއްވެސް އެއްބަސްވުމެއް ނެތި ކަމަށެވެ.
އެގޮތުން މިއަދު ރާއްޖޭގައި ރަސްމީކޮށް އިފްތިތާހްކުރި މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަނުން ވަނީ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އަދި ހަމައެހެންމެ ހައްޖު ވެރިން ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަމަަޖައްސާފައިވާއިރު މިއީ ހައްޖުވެރިންނަށް ލިބުނު ބޮޑު ލުއި ފަސޭހައެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.