ކުރިއަށް އޮތް ދުވަސްތަކުގައި، އެކުގައި ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއެކު މަޝްވަރާ ކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރެއްވީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.
ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި ވަފުދަށް މަރުހަބާ ވިދާޅުވަމުން ރައީސް ވަނީ ރާއްޖޭގެ މިނިވަންދުވަހުގެ އިޙުތިފާލުތަކުގައްޔާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސުލްތާން ބިނ އަބްދުއްރަހްމާން އަލް މުރްޝިދު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް އިފްތިތާހުކުރުމުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވޭތީ އުފާކުރަވާކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު ލިބިވަޑައިގަތުމަކީ ޝަރަފެއްކަމަށް ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ދެމުން ގެންދާ އެހީތެރިކަން ފާހަގަކުރައްވަމުން ރައީސް ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަށް ދެއްވި އެހީތެރިކަމުގެ އަގުވަޒަންކުރައްވައި އެފަންޑަށް ޝުކުރު އަދާކުރައްވާފައެވެ. ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ވަނީ، އެ މަޝްރޫއުގެ ކުރިއެރުންތައް، ސައޫދީ އަރަބިއްޔާގެ ޝާހީ ދަރުބާރުން، ގާތުން ބައްލަވަމުން ގެންދެވިކަން ހާމަކުރައްވާފައެވެ،.
މީގެ އިތުރުން، ބޯހިޔާވަހިކަމާއި، މަސްވެރިކަމާއި ސިއްހީ ދާއިރާ ހިމެނޭހެން، ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.