1444 ވަނަ އަހަރު ސްޓެލްކޯގެ ފަރާތުން ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރަން ދިއުމުގެ ފުރުސަތު 4 މުވައްޒަފަކަށް ދީފިއެވެ.

ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ ރޭ ކުޑަގިރީގައި މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރޯދަ މަހަށް މަރުހަބާ ކިއުމުގެ އިތުރުން، ކުންފުނިންދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތުއެވެ.

ސްޓެލްކޯއިން ބުނީ، 1444ވަނަ އަހަރުގެ ހައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 96 މުވައްޒަފުން އަދި އަންހެން 22 މުވައްޒަފުން ކަމަށެވެ.

ހައްޖާއި އުމްރާއަށް މުވައްޒަފުން ހޮވަނީ / ފޮޓޯ: ސްޓެލްކޯ

މީގެއިތުރުން އުމުރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 262 މުވައްޒަފުން އަދި އަންހެން 56 މުވައްޒަފުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ހޮވުނު މީހުން:

  • އަބްދުﷲ ޝަރީފް
  • ހަދީޖާ ތައުފީގާ

އުމްރާގެ އަޅުކަން އަދާކުރުމަށް ހޮވިފައިވާ މުވައްޒަފުން:

  • ޝާހުލް ހަމީދު،
  • ފާތިމަތު ރިޒްނާ،
ހައްޖާއި އުމްރާގެ ފުރުސަތު ލިބުނު 4 މުވައްޒަފުން / ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 5 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.