ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން މިހާތަނަށް އަނބުރާ ފޮނުވާލާފައި ވަނީ އެންމެ މީހެއް ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާ ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބާއެކު މަޖިލީހަށް ވަނީ ކަސްޓަމްސް އާއި އިމިގްރޭޝަންގެ ލިޔުންތައް ފޮނުވާފައެވެ.
މިގޮތުން މިލިޔުންތަކުގައި ކަސްޓަމްސް އިން ބުނީ، އެ ގަވާއިދުގެ ދަށުން މިހާތަނަށް އަނބުރާ ފޮނުވާލާފައިވަނީ އެންމެ ބިދޭސީއެއް ކަމަށާއި މީހަކީ ބްރެޒިލަށް ނިސްބަތްވާ މީހެއް ކަމަށެވެ. އަދި އެ ބިދޭސީ މީހާއަކީ މިދިޔަ ފެބްރުއަރީ ހަވަނަ ދުވަހު ރާއްޖެ އައި ބިދޭސީއެއް ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މީގެ އިތުރުން އެ ފަސިންޖަރަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާނެކަން އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ މީހެއް ކަމަށާއި، އޭނާގެ ފޮށިތަންމަތި ބަލާ ފާސްކުރުމުން 2.6 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ. ކަސްޓަމްސްއިން ބުނީ، އެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި، އަދި އޭނާ އިމިގްރޭޝަނާ ހަވާލުކުރި ކަމަށެވެ.
އިމިގްރޭޝަނުން ބުނީ، އެގަވައިދުގެ 23 ވަނަ މާއްދާގެ ދަށުން "އިން އެޑްމިސަބަލް ޕެސެންޖާ" އެއްގެ ގޮތުގައި އެފަދަ މީހުން ފޮނުވާލަން ޖެހެނީ ރާއްޖެ އަށް އޭނާ ދަތުރު ކުރި ފްލައިޓަކުން އަދި ރާއްޖެ އަށް ދަތުރު ކުރި ގައުމަކަށް ކަމަށެވެ.
އަދި އެ ގަވައިދުގެ ދަށުން އިތުރު މީހަކު ފޮނުވައި ނުލާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
2.6 ކިލޯގެ ކޮކޭން ގެނައީ އެމީހާ އަމިއްލައަށް ބޭނުން ކުރުމަށް ކަމަށް ނިންމާފަ އެމީހާ ދޫކޮށްލީމަ ބެލެވެނީ މިއީ ޑުރަގް ފުރީ ޤައުމަކަށް ހަދައިފިކަން. މިވަރުގެ ހަރާމް ކޯރު ބަޔަކު މިއަދު ޤައުމު ހިންގާން މިތިބީ.