ފުލުހުންގެ ވަޒީފާ އަށް ވަންނަ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކް ހަދަން ޖެހޭ ކަމަށް އޮންނަ އޮތުން އިހްތިޔާރީ ކަމެއްގެ ގޮތުގައި ހިމެނުމަށް ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހާ މެދު އެމްޑީޕީގެ ސަރުކާރާ ދެކޮޅު މެންބަރުން ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ތެރެއިން ދެ މާއްދާ އެއް އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ސަރުކާރުން ހުށަހެޅީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާ އާއި 100 ވަނަ މާއްދާ އިސްލާހުކުރުމަށެވެ. އެ ދެ މާއްދާ މިހާރު އޮންނަ ގޮތަށް ބަލާލާއިރު:

  • 17 ވަނަ މާއްދާ: ފުލުހުންގެ ވަޒީފާ އަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ވަޒީފާއެއް ކަމަށް ވުމުން، ފުލުހުންގެ އެއްވެސް ވަޒީފާ އަކަށް މުވައްޒަފަކު ހޮވުމުގެ ކުރިން، ބެކްގްރައުންޑް ޗެކެއް ހެދުން ލާޒިމް
  • 100 ވަނަ މާއްދާ (ކ): ތަހްގީގުކުރުމުގެ ހުއްދަ ދެވޭ ފުލުހަކީ އެ ދާއިރާ އާ ގުޅުންހުރި ދާއިރާއަކުން ފުލުހުން ގަބޫލުކުރާ ފަދަ ޑިޕްލޮމާގެ ސަނަދެއް ހާސިލްކޮށްފައިވާ ފުލުހަކަށް ވުން، މި ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން އެ އަކުރަށް އަމަލުކުރުން ދެ އަހަރު ދުވަހަށް ފަސްކުރުމުގެ އިހްތިޔާރު ސީޕީ އަށް ލިބިގެންވޭ

ނަމަވެސް ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނީ:

  • 17 ވަނަ މާއްދާ: ބެކްގްރައުންޑް ޗެކްކުރުން ހަދާ ކޮންމެ ހާލަތެއްގައި އެ ހުރިހާ ކަމެއް ފުރިހަމަކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނުފެންނާތީ އެކަން އިހްތިޔާރަކަށް ހެދުމަށް
  • 100 ވަނަ މާއްދާ: ދީފައިވާ ދެ އަހަރުގެ މުއްދަތުގައި ފުލުހުންނަށް ތަމްރީން ނުނިމިދާނެތީ އެ މުއްދަތު މާޗް 27، 2024 އަށް މުއްދަތު އިތުރުކުރުމަށް

ސަރުކާރުން ހުށަހެޅި ބިލަށް ބަހުސްކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ ވަޒީފާ އަށް ވަންނަ ފުލުހުންގެ ބެކްގްރައުންޑް ޗެކްކޮށް، އެ މުއައްސަސާ އަށް ވައްދަން ޖެހޭނީ އިތުބާރު ހިފޭ މީހުން ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ފުލުހުންގެ ވަޒީފާ އާ ގުޅޭ މީހުންގެ ބެކްގްރައުންޑް އެހެނިހެން ގޮތްގޮތުން ވެސް ޗެކުކުރަން ޖެހޭނެއެވެ.

ފުލުހުންގެ ގާނޫނަށް ހުށަހެޅި އިސްލާހަކީ ފުލުހުންގެ ގާނޫނުން ހާސިލްކުރަން ބޭނުންވާ މަގްސަދުތައް ހާސިލްކުރެވޭނެ އިސްލާހުތަކެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ، މިއީ ސަރުކާރުން ނާޖާއިޒު ފައިދާ ނަގަން ހުށަހެޅި އިސްލާހުތަކެއްގެ ގޮތުގައި ހަސަން ތުހުމަތުކުރެއްވިއެވެ. ހަމަ އެ ބީދައިން، ހަސަން ވަނީ އިއްޔެގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަ އަށް ވެސް އަލިއަޅުވާލައްވައިފައެވެ.

"ފުލުހުންގެ މުއައްސަސާގައި ކަނޑައެޅިގެން ވަކި ބަޔަކު ރާއްޖޭގައި ހިންގާ ބޮޑެތި ޖަރީމާތަކުގައި ބައިވެރިވާ ކަމަށް، އަދި އެ ނަންތައް ވެސް މިނިސްޓަރަށް އެނގިވަޑައިގަންނަވާ ކަމަސް ވިދާޅުވާއިރު، މިއީ އަނެއްކާ އެކަން އިތުރަށް ސަރުކާރުން ކުރުމަށް ދޭ ފުރުސަތެއް ކަމަށް އަޅުގަނޑަށް ފެންނަނީ،" ހަސަން ވިދާޅުވިއެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ތަނަކަށްވާއިރު، އެ ތަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއަކަށް ވާން ޖެހޭނެ ކަމަށާއި، ނަމަވެސް މިއަދު ތަސައްވަރުކުރެވެނީ އެއާ އިދިކޮޅަށް ކަމަށެވެ.

"މިކަންކަން ހަރުދަނާ ކުރުމަށްޓަކައި މިހާރަށް ވުރެ ރަނގަޅަށް ވަރުގަދަ އަށް ފުލުހުންގެ ހިދުމަތުގެ ތެރެއަށް ވަދެގެން އަންނަ މީހުންގެ ބެކްގްރައުންޑް ބެލޭނެ ނިޒާމެއް އެބަ އޮންނަން ޖެހޭ، އިހުތިޔާރީ ކަމެއްގެ ގޮތުގަ ނޫން އެކަން އޮންނަން ޖެހޭނީ،" ބިލަށް ބަހުސްކުރައްވަމުން އާމިރު ވިދާޅުވިއެވެ.

ހަސަން ލަތީފެކޭ އެއްގޮތަށް، ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ތުހުމަތުކުރެއްވި ގޮތުގައި، ސަރުކާރުން ހުށަހެޅި އިސްލާހަކީ ރިޔާސީ އިންތިހާބާ ދިމާކޮށް ވަޒީފާ އުފެއްދުމުގެ މަގްސަދުގައި ހުށަހެޅި އިސްލާހެކެވެ. އެ އިސްލާހު ހުށަހެޅީ އެ މަގްސަދުގައިކަމަށްވާ ނަމަ، އެއީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ބާރު އަޅަންވީ މުއައްސަސާތައް އިސްލާހުކޮށް، ނަޒާހާތްތެރިވުމަށް ކަމަށް އަފީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިހްތިޔާރީ ގޮތްތަކަށް ކަންތައްތައް ދޫކޮށްލުން ރަނގަޅުނޫން ކަމަށެވެ.

"ކޮންމެ މުއައްސަސާއެއް ކަމުގައިވިޔަސް، މިއަދު އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ނަޒާހާތްތެރިކަމުގެ މައްސަލަ،" އަފީފް ވިދާޅުވިއެވެ.