ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ގާނޫނަށް އިސްލާހު ގެނަންޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ލަފާދެއްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އަންހެންގެ ދުވަހާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އަންހެން ބޭފުޅުން ހިމެނިގެންދާނޭ ގޮތާގުޅޭގޮތުން ރާއްޖޭގެ ރައްޔިތުން މިއަދު ފުންކޮށް ވިސްނާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ބަދަލުގެނައުމަކީ ޕާޓީތަކުގެ ޒިންމާއަކަށް ވާންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގައި މެންބަރުން ތަމްސީލުވާއިރު އަންހެނުންނަށް ހާއްސަ ފަހިކަމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އަޒުމު ކަނޑައަޅަންވީ މަސައްކަތެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު 19 ވަނަ މަޖިލީހަށް ހޮވިފައިވަނީ ހަތަރު އަންހެން މެންބަރުންނެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއެވެ.