ރަޝިއާއިން ޔޫރަޕަށް ގޭސް ފޮނުވަން އަޅާފައި އޮތް ބޮޑު 2 ހޮޅި ގޮއްވާލީ ޔޫކްރައިންނަށް ތާއީދު ބައެއް ކަމަށް އެމެރިކާއިން ބުނެފިއެވެ.

ސްވިޑަން އާއި ޑެންމާކު ގުޅޭ އީއީޒެޑް ސަރަހައްދުން ހުސްވި އަހަރުގެ ސެޕްޓެމްބަރު 26 ގައި މި ހޮޅި ގޮއްވާލުމުގައި ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލޮންސްކީ އާއި އެގައުމުގެ އިސް އޮފިޝަލުންގެ ބައިވެރިވުމެއް އޮތް ކަމަށް ސާބިތު ނުވާކަމަށް ވެސް އެމެރިކާއިން ބުނެއެވެ. ނަމަވެސް އެކަމުގައި ބައިވެރިވަނީ ޔޫކްރައިންގެ ސަރުކާރަށް ތާއީދު ކުރާ ޔޫކްރައިން ބައެއް ނުވަތަ ރަޝިއާގެ ބައެއް ކަމަށް އިންޓެލިޖެންސް އަށް ހޯދިފައިވާ ކަމަށް ވެސް ބުނެއެވެ.

އެމެރިކާގެ އިންޓެލިޖެންސާ ހަވާލާދީ ނިއުޔޯކް ޓައިމްސްގައި ބުނެފައި ވަނީ، އެމީހުންނަކީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ދެކެ ރުޅިއަންނަ އަދި ދެކޮޅުވެރި ބައެކެވެ. ނަމަވެސް އެއީ ކޮން ޖަމާއަތަކަށް ނިސްބަތްވާ ބައެއް ކަމެއް އަދި އެމީހުންނަށް ހަރަދު ކުރީ ކޮން ބައެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ. އެކްސްޕާޓުން ބުނާ ގޮތުން، ކަނޑު އަޑިން އެ ހޮޅިތައް ގޮއްވާލެވޭނީ އެފަދަ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ގޮވާތަކެތި ބޭނުންކުރަން އެނގޭ ތަޖުރިބާކާރު ޑައިވަރުންނަށެވެ.

އެމެރިކާއިން އިތުރަށް ބުނީ، ޔަގީނުންވެސް އެކަމުގައި އެމެރިކާ އަދި އިނގިރޭސިވިލަތުގެ ބައެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ.

މި މައްސަލައިގައި އެމެރިކާގެ ތުހުމަތުތައް ޔޫކްރައިން އިން ދޮގޮކޮށް ބުނެފައި ވަނީ، ޔޫކްރައިންގެ އެއްވެސް ބައިވެރިވުމެއް އެކަމުގައި ނެތް ކަމަށެވެ.

ހޮޅިަތއް ގޮއްވާލި މައްސަލަ، ޑެންމާކް، ޖަރުމަން، ސްވިޑަން އަދި ރަޝިއާއިންވެސް ތަހުގީގު ކުރަމުން ގެންދާ އިރު، އެގައުމުތަކުގެ ތަހުގީގު އަދި ނުނިމެއެެވެ. ނަމަވެސް ރަޝިއާއިން އެކަމުގައި ތުހުމަތު ކުރަނީ އެމެރިކާ އަށެވެ.

ދާދި ފަހުން އެމެރިކާގެ ނަން މަޝްހޫރު އަދި އިތުބާރު ކުރޭ ނޫސްވެރިއަކު ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ އެކަން ކުރީ އެެމެރިކާގެ އިންޓެލިޖެންސްގެ ބައިވެރިވުމާ އެކު ކަމަށާއި، އެ ހޮޅިތައް ގޮއްވާލުމުގެ ކުރިން ޑަމީ ފަތިރަކުތުންތަކެއްވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އެ ރިޕޯޓް އެމެރިކާއިން ވަނީ ދޮގުކޮށްފައެވެ.