ރާއްޖޭގައި ދުއްވާ އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އާރްއެފްއައިޑީ ޓެކްނޮލޮޖީ ތައާރަފްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ އުޅަނދުތައް ބޭނުންކުރަމުންދިޔަ ނަމަވެސް، މި އުޅަނދުތަކަށް އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދެވިފައި ނުވާކަން ފާހަގަކޮށް، މިނިސްޓަރު ވިދާޅުވީ މިކަން ހައްލުކުރުމަށްޓަކައި އާރްއެފްއައިޑީ ނިޒާމު ތައާރަފްކުރުމަށް ނިންމާފައިވާކަމަށެވެ.

އާރްއެފްއައިޑީ ޓެކްނޮލޮޖީއާއި އެކު ވަގު ނަންބަރު ޕްލޭޓް ބޭނުންކުރުން ހުއްޓުވުމާއެކު، ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ދެނެގަނެވޭނެއެވެ. އަދި އުޅަނދު ވަގަށް ނެގުމުގެ މައްސަލަތައް މަދުވުމުގެ އިތުރުން ތަންފީޒީ އިދާރާތަކަށް މަސައްކަތް ފަސޭހަވޭނަކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ނިޒާމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކާމިޔާބުކަމާއެކު ބޭނުންކުރަމުންދާ ނިޒާމަށްވާއިރު މިނިސްޓަރު ވިދާޅުވީ ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މިފަދަ ޓެކްނޮލޮޖީތައް ބޭނުންކުރުމަކީ މުހިންމު ކަމެއްކަމުގައެވެ.

މާލެ ސަރަހައްދުގައި މިހާރު ރެޖިސްޓްރީކޮށް 119،093 ވެހިކަލް ބޭނުންކުރަމުން އަންނައިރު މިހާރު ބޭނުން ކުރާ އުޅަނދުތަކުގެ ތެރެއިން ރޯޑް ވާތިނެސް ފުރިހަމަ ކޮށްގެން ދުއްވަނީ އެންމެ 23.5 ޕަސެންޓް ވެހިކަލްގައެވެ.

މާލެ ސަރަހައްދުގައި ރެޖިސްޓްރީކޮށް ދުއްވޭނެ އުޅަނދުގެ އަދަދު ކަނޑައަޅަން މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާއިރު މާލެ ސަރަހައްދުގައި ރެޖިސްޓްރީކޮށް ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމަކީ މާލެ ސިޓީގެ މިހާރުގެ މޭޔަރު، އާދަމް އާޒިމްގެ އިންތިހާބީ ވައުދެކެވެ.