މ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ ބޯޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން، އެ ބޯޓުން ކަނޑަށް ވެއްޓި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، އާގަލާ ބޯޓުން ގެއްލިފައިވާ ފަޅުވެރިޔާ ހޯދުމަށް ކަނޑުމަގުންނާއި، ވައިގެމަގުން 332.35 ސްކެއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ބަލާފައިވާ ކަމަށެވެ.

އެ މީހާ ހޯދުމަށް ކުރެވުނު މަސައްކަތުން އަދިވެސް އެ މީހާ ފެނިފައެއް ނުވެއެވެ. ގެއްލިގެން ހޯދަމުންދަނީ އިންޑިއާ މީހެކެވެ.

އާގަލާ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާއިރު ބޯޓު އެއްކޮށް އަޑިޔަށްގޮސްފައިވަނީ އިއްޔެ ހެނދުނު 8:20 ހާއިރުއެވެ. ނަމަވެސް ބޯޓުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އެ ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 15 މީހުންގެ ތެރެއިން 14 މީހުން ވަނީ މ. މުއްޔަށް ގެންގޮސްފައެވެ. އެ ރަށަށް ގެންދިޔަ މީހުންގެ ތެރެއިން އެއްވެސް މީހަކަށް ފިޒިކަލް އިންޖަރީ އެއް ލިބިފައި ނުވާ ކަމަށާއި އެ މީހުންގެ މެންޓަލް ހާލަތު ބެލުމަށް ކައުންސިލާ މަޝްވަރާ ކުރަމުން ދާ ކަމަށް މުލީ ހޮސްޕިޓަލްގެ މެނޭޖަރު ނާފިޒް ވަނީ ވިދާޅުވެފައެވެ.

"އާގަލާ" ބޯޓުން ފެންމައްޗަށް އަރާފައިވާ ބައެއް ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކޯސްޓް ގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.