މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމަށް ކުރާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާ މީހުންގެ ކުރިމަތީގައި ތިރިވަޑައެއް ނުގަންނަވާނެ ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި މިނިސްޓަރަށް ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގައި ހައްޔަރުކޮށްފައި ތިބި ގިނަ މީހުންގެ މުއްދަތު ލުއިކޮށް މިނިވަންކޮށްފައިވާ ކަމަށާއި، އެކަމުގައި އިމްރާންގެ އަތެއް ވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ، ސުވާލު ކުރައްވައިފައެވެ.
އެކަމުގައި އިމްރާންގެ އަތެއްވާ ކަމަށް ނުވަތަ ނުވާ ކަމަށް ވިދާޅުނުވި ނަމަވެސް، އިމްރާން ވިދާޅުވީ، ހޯމް މިނިސްޓަރު ކަމުގައި އޭނާ ހުންނެވިހާ ހިނދަކު މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގައި ބައިވެރިވާ މީހުންނަށް ލިބެން ޖެހޭ އަދަބަށް އެއްވެސް ލުޔެއް އޭނާގެ ފަރާތުން ލިބޭނެ ގޮތެއް ނާންނާނެ ކަމަށެވެ.
"ގޭންގުތަކާއި ޑްރަގް ޓްރެފިކިން މައްސަލައަކީ އަޅުގަނޑު އެކަމަށް އަޅާނުލާ ދޫކޮށްލާނެ ކަންކަމެއްނޫން، އޭގެ ތެރޭގައި ޝާމިލުވާ އެއްވެސް ފަރާތެއްގެ ކުރިމަތީގައި އަޅުގަނޑު ތިރިއެއް ނުވާނަން،"
މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުންނާ އެކު މަސައްކަތްކުރަމުންދާ ކަމަށާއި، އެގޮތުން ދާދިފަހުން ފެންމަތިވި އެފަދަ މައްސަލަތައް ދިރާސާކުރަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތުގައި އެއްވެސް މީހަކާއި އަރާ ހަމަކުރަން ޖެހިއްޖެ ނަމަ، ވަކި މީހަކަށް ބެލުމެއް ނެތި އަރާ ހަމަކުރާނެ ކަމަށާއި، އެ މަސައްކަތުގައި އޭނާ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު މިއަދު ވެސް ދަންނަވާލަން ބޭނުން، މި މަސައްކަތް ކުރިއަށް ގެންދާއިރުގަ އެއްވެސް ބޭފުޅަކާ އަރާ ހަމަކުރާނަމަ އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން، އެންމެހާ ބޭފުޅުން އެކަމަށް ސަމާލުވުމަށް އަޅުގަނޑު ސާބިތުކަމާ އެކު ދަންނަވަން،"
"މިފަދަ ކަމަކާ ދައުލަތުގެ އެއްވެސް އިސްވެރިއަކު ބައިވެރިވުމަކީ މި ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް،" އިމްރާން ވިދާޅުވިއެވެ.