މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮތް ނިންމަވާނީ ރައްޔިތުންގެ މަސްލަހަތަށް ވިސްނެވުމަށްފަހު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވެފައިވަނީ މިއަދު ޖޭޕީއިން ބޭއްވި އެ ޕާޓީގެ 150 ވަނަ ބައްދަލުވުމުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓުކަމުގެ އިތުރުން އެ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ބާރު ގާސިމަށް ދޭން ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވަނިކޮށެވެ.
އިމްރާން ވިދާޅުވީ ގާސިމް ރިޔާސީ އިންތިހަބާ މެދު ގޮތެއް ނިންމަވާނީ ގައުމުގެ ހަމަ ޖެހުމާ ރައްޔިތުންގެ މަސްލަހަތައް ވަރަށް ބޮޑަށް ވިސްނެއްވުމަށްފަހު ކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ.
އިމްރާން މިފަދައިން ވިދާޅުވެފައިވާއިރު ރޭގެ ވަގުތެއްގައި ސަން އައިލެންޑް ރިސޯޓުގައި އިމްރާން ވަނީ ގާސިމާ ބައްދަލު ވެސް ކުރައްވާފައެވެ.
މި އަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން އިސްވެ އޮވެ ވާދަކުރުމަށް ކައުންސިލަށް ލަފާ ދޭން ނިންމާފައި ވާއިރު، ގާސިމް މި އިންތިހާބުގައި ވާދަކުރެއްވުމަށް އެންމެ ބޮޑަށް ބާރު އަޅުއްވަމުން ގެންދަވާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވަން ނިންމަވައިފިނަމަ، ގާސިމްގެ ފަހަތްޕުޅަށް ނަޝީދު އަރާވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައިވާއިރު މިހާތަނަށް އެ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ ޕީއެންސީ ގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޝީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ.
ރައީސް ސޯލިހާއެކު އަދާލަތު ޕާޓީ އަދި އެމްޑީއޭއިން ކޯލިޝަން ހަދާފައިވާއިރު ޖޭޕީއާއެކު ކޯލިޝަން ހެދުމަށްވެސް ދައުވަތު ފޮނުވާ ބައްދަލުވެސް ވަނީ ކުރައްވާފައެވެ.