ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ރާއްޖޭގައި ކޮވިޑާ ގުޅިގެން ހާލުބޮޑުވި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޝަނާސް ކުންފުންޏަށް ފައިސާ ދޫކުރުމުގައި މާލިއްޔަތު ގަވައިދާ ހިލާފަށް ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައިވޭތޯ މިނިސްޓަރު އިބްރާހީމް އަމީރާ ސުވާލުކުރުމުން ޖަވާބު ދެއްވުމަށް އަމީރު ދެކޮޅު ހެއްދެވުމުން މެންބަރުން ނުރުހުން ފާޅުކުރައްވައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ވެންޓިލޭޓަރުގެ މައްސަލައިގައި ސުވާލުކުރުމަށް އަމީރު ހާޒިރުކުރުމުން، ރިޔާސަތުން ދިން ފުރުސަތުގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވަނީ ބައެއް އޮޑިޓް ރިޕޯޓްތަކުން ދައްކާ ގޮތުން މާލިއްޔަތު ގަވައިދާ މިނިސްޓްރީން ހިލާފުވެފައިވާ ކަމަށް ދައްކާ ކަމަށް ވިދާޅުވެ، ދުބާއީގެ ކުންފުންޏަށް 31 މިލިއަން ރުފިޔާ ދޫކޮށްފައި ވަނީ މާލިއްޔަތު ގަވައިދާ އެއްގޮތަށްތޯ އަދި އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ލަސްވީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.

"އަޅުގަނޑު ކުރިން ފާހަގަކުރި ގޮތަށް ތި މައްސަލަ އޮތީ އާބިޓްރޭޝަންގަ، އިތުރަށް އަޅުގަނޑު ޖަވާބު ދޭކަށް ނެތިން،"

ތަކުރާރުކޮށް އާމިރު ސުވާލު ކުރެއްވުމުން ވެސް އަމީރު ވިދާޅުވީ، ޖަވާބު ދެވެން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ޖަވާބުގައި ހިފަހައްޓަވަނީ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ ލަފާގެ މަތިން ކަމަށެވެ. އަމީރު އެފަދައިން ވިދާޅުވުމުން، ބައެއް މެންބަރުން ނުރުހުން ފާޅުކުރެއްވިއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ، އާބިޓްރޭޝަންގެ މައްސަލައެއް އޮތުމުން، މަޖިލީހަށް ޖަވާބު ނުދެއްވޭނެ ކަމަށް އަމީރު ވިދާޅުވުމަކީ އުސޫލީ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.

އެކަމާ ގުޅިގެން އަމީރު އެއްޗެއް ވިދާޅުނުވި ނަމަވެސް، އާބިޓްރޭޝަންގައި މައްސަލަ އޮތްކަން ފާހަގަކުރައްވައި މިނިސްޓަރު ސީދާ ޖަވާބެއް ދެއްވަން އިންކާރުކުރައްވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެއީ މަޖިލީހަށް މައުލޫމާތު ދިނުމަށް މިނިސްޓަރަށް ހުރަސް އެޅޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެއާއެކު، އެގްޒެކިއުޝަން ކުންފުންޏަށް ފައިސާ ދޫކުރަން މިނިސްޓްރީން ހުއްދަދިން ސަބަބާ މެދު މެންބަރުން ސުވާލުކުރައްވާތީ، އަމީރު ސިފަކުރެއްވީ އެއީ "ސިޔާސީ ބޮޑު ހަރަކާތެއްގެ" ގޮތުގައެވެ.

ކޮވިޑުގެ ދުވަސްވަރު ސަރުކާރުން ވަނީ ބޭންކު ގެރެންޓީއަކާ ނުލާ 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏަށް 31 މިލިއަން ރުފިޔާ ދީފައެވެ. އެހެންނަމަވެސް އެއްބަސްވުމާ އެއްގޮތަށް 75 ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ބަދަލުގައި ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި އޭސީސީން ވަނީ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައެވެ. މީގެ އިތުރުން ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދުމަށް ސަރުކާރުގެ ފަރާތުން ވަނީ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފައެވެ.