ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލަ ކުރިއަށްނުދާތީ އިދިކޮޅު ކޯލިޝަނުން ހައިކޯޓަށް ގޮސްފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމައެވެ.

ހައިކޯޓަށް ވަޑައިގަތުމަށްފަހު، ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޔާމީންގެ އިސްތިއުނާފް ބަލައިގަތުން ލަސްވާތީ ހައި ކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރަން މަސައްކަތް ކުރިޔަސް، އެ ފުރުސަތު ނުލިބުނު ކަމަށެވެ.

އަދި ރައީސް ޔާމީންގެ މައްސަލަ ބަލައި ގަތުމާއި މެދު ކޯޓުން ގޮތެއް ނިންމަންދެން ކޮންމެ ދުވަހަކު ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ޔާމީނަކީ އިދިކޮޅު ލީޑަރު އަދި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވާތީ ހާއްސަ އިސްކަމެއް ދީގެން އެ މަނިކުފާނުގެ މައްސަލަ އަވަހަށް ނިންމަން ޖެހޭނެ ކަމަށެވެ.

ކުރިއަށް އޮތް އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި ކުރި ހުކުމާ ގުޅިގެން އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ކުޑައެވެ. ޔާމީނަށް އޮތް ހަމައެކަނި ގޮތަކީ އެ ހުކުމް އިސްތިއުނާފުވެފެން މިނިވަންވުމެވެ. ފުއްގިރި މައްސަލަ ސާބިތުވެއްޖެ ނަމަ އެ ހުކުމް ބާތިލްކުރަން ވެސް ޖެހޭނެއެވެ.