އެމެރިކާގެ މަޝްހޫރު ބިލިޔަނަރު އަދި މައިކްރޯ ސޮފްޓް ކުންފުނީގެ ބާނީ ބިލް ގޭޓްސް ކާފަ އަކަށް ވެއްޖެއެވެ.

ބިލް ގޭޓްސްގެ އަންހެން ދަރިފުޅު ޖެނިފާ ކެތްރިން ގޭޓްސް އަށް އަންހެން ކުއްޖަކު ލިބިފައި ވާއިރު މި ކުއްޖާ އަކީ ބިލް ގޭޓްސް އަށް ލިބުނު ފުރަތަމަ ކާފަ ދަރިފުޅުވެސް މެއެވެ. ޖެނިފާ އާއި އޭނާގެ ފިރިމީހާ ނަޔަލް ނަސާރު އަށް އަލަތު ދަރިފުޅު ލިބުނުކަން ހާމަކުރަމުން ދެމަފިރިން ވަނީ އިންސްޓަގްރާމުގައި ޕޯސްޓުވެސް ކޮށްފައެވެ. އަދި ބިލް ގޭޓްސް ވެސް ވަނީ ހަމަ އެޕޯސްޓް ރީޕޯސްޓް ކޮށްފައެވެ. އިންސްޓަގްރާމުގައި ފޮޓޯ ހިއްސާކުރަމުން ބިލް ގޭޓްސް ބުނީ ކާފަ އަކަށް ވުމުން ބަޔާން ކުރަން ދަތި އުފާވެރިކަމެއް އިހުސާސްވެއްޖެ ކަމަށާއި އަލަށް މަންމަ އަކަށް ވި ޖެނިފާ އާއި އޭނާގެ ފިރިމީހާ އާ ދޭތެރޭ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.

ޖެނިފާ ގޭޓްސް އަކީ މެޑިސިން ދަރިވަރެކެވެ. ޑޮކްޓަރަކަށް ވުމުގެ މަގުމަތީގައި އުޅޭ ޖެނިފާ އާއި އޭނާގެ ފިރިމީހާ ނަޔަލް ނަސާރު އާ ދިމާވީ އެކުއެސްޓްރިއަން ސާކިޓުގެ ތެރެއިންނެވެ. އަސް ދުއްވުމުގެ ތެރެއިން ދެމީހުން ދިމާވިއިރު ނަޔަލް އާއި ޖެނިފާ ކައިވެނިކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ދެމީހުން ވަނީ އަލަތު ދަރިފުޅަށް ބަލިވެ އިންކަން ހާމަކޮށްފައެވެ.

ބިލް ގޭޓްސް ގެ ތިން ދަރިން ތިބޭއިރު އޭނާގެ އަނބިމީހާ މެލިންޑާ ފްރެންޗް ގޭޓްސް އާ 1994 ވަނަ އަހަރު ކުރި ކައިވެނި ވަނީ 2021 ވަނަ އަހަރު ރޫޅިފައެވެ.