ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ގަތަރުގެ ދޯހާއަށް ވަޑައިގަންނަވާ އިރު، ގަތަރުގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ގަތަރަށްފަހު އެމަނިކުފާނު ސާބިއާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ރައީސް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ޖަރުމަނު ވިލާތަށެވެ. އަދި އެ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.