ރާއްޖެއަށް ތަރައްގީ ގެންނަނީ ކޮންމެ ފަސް އަހަރަކުން އަންނަ ރިޔާސީ އިންތިހާބާ ދިމާކޮށްފައި ނޫން ކަމަށާއި އެއީ އެމަނިކުފާނު ވިސްނުންފުޅުގައި ހުރި ގޮތް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތ. ހިރިލަންދޫއަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ރަށުގެ ފެނަކަ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ތަރައްގީ ވާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ތަރައްގީ ކުރެވިގެން ކަމަށާއި އާއިލާއެކު އުޅެވޭނެ ގޮތެއް ހަދައިދީގެން ކަމަށެވެ. މީގެ ކުރިން ކަންކަން ކޮށްފައި ހުރި ގޮތަސް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އޭރު ތަރައްގީ ގެންނަނީ ކޮންމެ 5 އަހަރުން އަންނަ އިންތިހާބަށް ތައްޔާރުވުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. މިއީ ވޭތުވެ ދިޔަ ތަނުގައި ސަރުކާރުތަކުން ކަންކޮށްފައިވާ ގޮތް ކަމަށާއި އާމްދަނީއާ އެއްވަރަށް ރާއްޖެ ތަރައްގީ ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު ތަރައްގީ ގެންނަވަނީ އިންތިހާބާ ދިމާކޮށް ނޫން ކަމަށާއި އެއީ އެމަނިކުފާނުގެ ވިސްނުންފުޅެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން ނިންމަންވީ ތަރައްގީއާއެކު ކުރިއަށްދާނީތޯ ނުވަތަ މަޑުޖެހިގެން ތިބޭނީތޯ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ރައީސް ސޯލިހު އެ ރަށަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާށާއި އެ ދަތުރުގައި ރައީސް އާ އެކު ވަޑައިގެން ހުރިހާ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ރައީސް ވިދާޅުވީ އެ މަރުހަބާއިން ފެނިވަޑައިގަތީ ހިރިލަންދޫ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވަމުން އަންނަ ތަން ކަމަށެވެ. ރަށްރަށުގައި ހުރި އަސާސީ ހިދުމަތްތަކުގެ ތެރެއިން ޒަރޫރީ ހިދުމަތްތަކަށް ބޭނުންވެފައި ހުރި އެތައް ކަމެއް ހުރީ ނުކުރެވި ފުނި ޖެހިފައި ކަމަށާއި، 2018 ވަނަ އަހަރު ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި އެކަން ފެނި ތަރައްގީ ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފެނިވަޑައިގެންނެވި ކަމަށް ރައިށް ވިދާޅުވިއެވެ.

އަދި އެއްވެސް ރަށެއްގެ ރައްޔިތެއް އަސާސީ ހިދުމަތްތަކުން ބާކީ ނުކޮށް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވިއެވެ.