18 ބިލެއް އަދިވެސް ކޮމިޓީ މަރުހަލާގައި އެބައޮތް ކަމަށާއި، ބިލުތަކުގެ މަސައްކަތްތައް އަވަސް ކޮށްދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ނަޝީދު މެންބަރުންގެ އަރިހުން އެދިވަޑައިގަތީ ކޮމިޓީތަކަށް އިތުރު ވަގުތު ހަމަޖައްސަވައި، މި ދައުރު ނިމުމުގެ ކުރިން ހުށަހެޅިފައިވާ ބިލުތަކުގެ މަސައްކަތްތައް ނިންމާލުމަށެވެ.
"މީގެ ތެރެއިން ވަރަށް ގިނަ މަސައްކަތަކީ އެކި އެކި ސަބަބުތަކަށްޓަކައި މަޖިލިހުގައި މަޑުޖެހިފައި ހުރި މަސައްކަތް،"
އެމަނިކުފާނު ވިދާޅުވީ ބިލުތަކުގެ މަސައްކަތްތައް މަޑުޖެހިފައި ވަނީ ބައެއް ބިލުތައް އެއްގޮތްކުރުމަށް ބޭނުންވާތީ އާއި، ސަރުކާރާ ވާހަކަ ދައްކަން ޖެހުމުގެ ސަބަބުންނެވެ. އެއާއެކު ނަޝީދު ވަނީ އެ ބިލުތަކުގެ ތަފްސީލް މެންބަރުންނަށް ދެއްވާފައެވެ. އެގޮތުން ކޮމިޓީ މަރުހަލާގައި މިހާރު އޮތް ބިލުތަކަކީ:
- ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ ބިލު
- ކުންފުނިތަކާ ބެހޭ ބިލު
- އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލު
- ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލެއް
- ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
- ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލު
- ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު
- ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އިންޝުއަރެންސްއާ ބެހޭ ބިލު
- މާލީ އަދި އެހެނިހެން މަސްލަހަތު ހާމަ ކުރުމުގެ ބިލު
- އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ބިނާވެހި ޕްލޭން ކުރުމުގެ ބިލު
- އުޅަނދުފަހަރާ ބެހޭ ދެ ބިލެއް
ބައެއް ބިލުތައް ކޮމިޓީ މަރުހަލާގައި އޮންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާއި، އެހެންކަމުން ކުރަން ޖެހޭ މަޝްވަރާތަކެއް ކޮށް، ގޮތެއް ނިންމެވުމަށް މެންބަރުންގެ އަރިހުން ނަޝީދު އެދިވަޑައިގެންނެވިއެވެ. އެއާއެކު ކުރިއަށް އޮތީ ރޯދަ މަސް ކަމުން، ބިލުތަކުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށް ވެސް އެދިވަޑައިގަތެވެ.
ގިނަ ބިލުތަކެއްގެ މަސައްކަތްތަކެއް ކުރަމުން ދާއިރު، މި ދައުރުގައި 23 ބިލެއް މަޖިލީހަށް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.
މިދިޔަ ދައުރު ނިންމާލިއިރު، މެންބަރުންނަށް ނިންމާލެވުނީ މަސައްކަތްތަކުގެ 54 ޕަސެންޓެވެ.