މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ބިނާކުރުމަށް ސްޓެލްކޯއާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އާއި ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމްއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ޝަރީފު ވިދާޅުވީ، ޕްލިޓެކްނިކާއި ސްޓެލްކޯއާ މިއަދު ވި އެއްބަސްވުމަކީ ވަރަށް ތާރީހީ އަދި މުހިންމު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ ދެ މުއައްސަސާގައި ލިބިފައި ހުރި ވަސީލަތްތައް ދެބައިމީހުން ބޭނުން ކުރުމަށް ފުރުސަތު ތަނަވަސްވެގެން ދާނެއެވެ.

އަޅުގަނޑުމެންނަށް ލިބިފައިހުރި ވަސީލަތްތަކޭ މިދެންނެވީ އިންޖީނުތަކުގެ އަދި އަޅުގަނޑުމެންގެ ސްޓާފުން ކުރާ މަސައްކަތް ލޮލުން ދެކެ، އަތުން ހިފާ، ތަޖުރިބާކުރުމުގެ ފުރުސަތު ޕޮލީޓެކްނިކަށް ތަމްރީނު ވެވޭނެ، ކުދިންނަށާއި އަދި ލެކްޗަރާއިންނަށް އެފުރުސަތު ތަނަވަސްވެގެންދާނެ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް

ޝަރީފު ވިދާޅުވީ، ޕްލިޓެކްނިކާ ހިއްސާ ކުރެވެން ހުރި ހުރިހާ ވަސީލަތްތައް ހިއްސާކުރައްވާނެ ކަމަށެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް / ފޮޓޯ: ދަ ޕްރެސް

އެހަފްލާގައި ވާހަކަ ދައްކަވަމުން ޕޮލިޓެކްނިކްގެ ސީއީއޯ ހާޝިމް ވިދާޅުވީ، ސްޓެލްކޯއާކު މިއަދު ވި އެއްބަސްވުމުގެ ސަބަބުން ޕޮލިޓެކްނިކްގެ ސްޓާފުންނަށާއި ދަރިވަރުންނަށް އަދި ސްޓެލްކޯގެ ސްޓާފުންނަށް ވެސް އިތުރު ކުރިއެރުމެއް އަދި އިތުރު ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށެވެ.