ސަރުކާރަށް ތައުރީފް ކުރައްވައި މަޝްރޫއުތަކުގެ ފުރިހަމަ ވާހަކަ ދައްކަވަމުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ރަށްފުށުގެ އަންހެނުންގެ ގައިން މީރުވަސް ނުދުވާ ކަމަށް ވިދާޅުވުމުން ބަހުސް ކުރަން އޭނާއަށް ދިން ފުރުސަތު މެދުކަނޑާލައިފިއެވެ.
ރާޝިދު މިފަދަ ވާހަކައެއް ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ރާޝިދު ވިދާޅުވީ، މީގެ ކުރިން ރަށްފުށުގައި ދިރިއުޅޭ އަންހެނުން ކިތަންމެ އަގުބޮޑު ސެންޓެއް ޖެހިޔަސް މީރުވަހެއް ނުދުވާ ކަމަށާއި އެއީ ޗަކަ ފެނުން ފެންވަރަށް ޖޭހޭތީ ދުވާ ވަހެއް ކަމަށެވެ.
މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކޮށްފައިވާކަން ފާހަގަ ކުރައްވަމުން ރާޝިދު ވިދާޅުވީ، މިހާރު ސާފު ފެނުން ފެންވާރާތީ ރަށްފުށުގައި ތިބި "ރީތި ލޯބި އަންހެން ކުދިން" ގެ މޫނުން ޗާލުކަން ފެންނަން ފަށައިފި ކަމަށެވެ.
ރާޝިދުގެ ވާހަކަ މިހާ ހިސާބަށް ދިއުމުން، ނިޒާމީ ނުކުތާއެއް ނަންގަވައި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ، ދިވެހި އަންހެނުންނާ ދިމާކޮށް އެހާ ބޭއަދަބީ ވާހަކައެއް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ނިޒާމީ ނުކުތާއާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެއްވެސް ޖިންސަކާ ގުޅިގެން އެފަދަ ވާހަކައެއް ނުދެއްކެވުމަށް އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސް ވާ ގޮތަށް ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އެހެން ވިދާޅުވެ، ބަހުސް ކުރެއްވުމަށް ރާޝިދަށް ފުރުސަތު ނުދެއްވާ ވަނީ އެހެން މެންބަރަކަށް ފުރުސަތު ދެއްވާފައެވެ. އެކަމާ ހިތްހަމަޖެހިވަޑައި ނުގަތުމުން ރާޝިދު ވަނީ އަދި އޭނާ ބަހުސް އަށް ވާހަކަ ދައްކަވާ ނުނިމެނީސް އެހެން ބޭފުޅަކަށް ފުރުސަތުދިން ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވާފައެވެ. ނަމަވެސް މައިކުގެ އަޑު ކަނޑާލައިފައި ވުމުން އޭގެ ފަހުން ރާޝިދު ދެއްކެވި ވާހަކަ ސާފުވާ ގޮތެއް ނުވެއެވެ.
ރާޝިދު ދިވެހި އަންހެނުންނަކާ ނުބެހޭ އޭނަ ހޫނުފެނަށް ވައްޓާލާކަށް ނުޖެހޭ ފުރަތަމަ މަޖްލީހުގައި ތިބިމީހުން ދިވެހިބަސް ދަސްކުރަން ޖެހޭ